03 Dec 2016, 09:41
ރިޔާޒް (ޑިސެމްބަރު 3) : ސައޫދީ އަރަބިޔާގައި އުފައްދާފައިވާ ދެ މަޖިލިސް ކަމަށްވާ ޝޫރާ މަޖިލީހާއި އިސް ދަންނަބޭކަލުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަކިކޮށް އެބޭފުޅުންގެ ބަދަލުގައި އެހެން މެންބަރުން އައްޔަންކޮށް އެދެ މަޖިލިސް އަލުން އެކުލަވާލުމުގެ ޝާހީ އަމުރެއް އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ނެރުއްވައިފި އެވެ.
މިއަމަރު ބުނާ ގޮތުން ޝޫރާ މަޖިލިސް އަލުން އެކުލަވަލާއިރު އެމަޖިލީހުގެ ވެރިއަކަށް ހުންނަވާނީ އަބްދުﷲ ބިން މުހައްމަދު އާލުއްޝައިޚް އެވެ. އަދި އިސް ދަންނަބޭކަލުންގެ މަޖިލީހަށް ގެންނަ ބަދަލުތަކާ އެކު އެމަޖިލިސް އަލުން އެކުލަވާލާއިރު ވެރިއަކަށް ހުންނަވާނީ އެމަޖިލީހުގެ މިހާރުގެވެސް ވެރިޔާ ސައޫދީ މުފްތީ އަބްދުލްއަޒީޒު ބުން އަބްދުﷲ އާލުއްޝައިޚް އެވެ.
މިދެ ބޭފުޅުންނަކީ ވެސް ސައޫދީ ރަސްކަމުގެ ނިޒާމަށް ވަފާތެރި އާލުއްޝައިޚް އާއިލާއަށް ނިސްބަތްވާ ދެބޭފުޅުންނެވެ. އާލުއްޝައިޚް ގެ ޢާއިލާއަކީ ސައޫދީ ރަސްކަމުގެ ނިޒާމު ދެމެހެއްޓުމަށް ވާގިވެރިވާ ޝައިޚް މުޙައްމަދު ބިން އަބްދުލްވައްހާބުގެ އާއިލާގެ ބޭފުޅުންނެވެ. ސައޫދީ ރަސްކަމުގެ އާއިލާއިން ވަނީ ރަސްކަމުގެ ނިޒާމު ދެމެހެއްޓުމަށް ޝައިޚް މުހައްމަދު ބިން އަބްދުލްވައްހާބުގެ ދުވަސްވަރުގައި އޭނާއާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ.
މިއެއްބަސްވުމުގެ ދަށުން ސައޫދީ އަރަބިޔާގެ ދީނީ ކަންތައްތައް ހަވާލުކޮށްފައި ވަނީ ޝައިޚް މުހައްމަދު ބިން އަބްދުލްވައްހާބު ގެ ދަރިކޮޅުގެ ބޭފުޅުންނާ އެވެ. މިއާ އެކު ސައޫދީ ރަސްކަމުގެ ނިޒާމު ދަމަހައްޓަނީ މިދެ އާއިލާ ގުޅިގެންނެވެ. އެހެންކަމުން ސައޫދީ ދީނީ އިލްމުވެރިންގެ ތެރެއިން ވެސް ރަސްކަމުގެ ނިޒާމަށް ވަފާތެރީ ޝައިޚް މުހައްމަދު ބިން އަބްދުލްވައްހާބު ގެ ދަރިކޮޅުގެ ޝައިޚުންނެވެ.
މީގެ އިތުރުން ސައޫދީ ރަސްގެފާނުވަނީ އެގައުމުގެ ލޭބަރު މިނިސްޓަރ މުފްރަޖް އަލްހަގްބާނީ މަގާމުން ދުރުކޮށް އޭނާގެ ބަދަލުގައި އަލްއުސްތާޛް އަލީ އަލްޣަފީޟު އެމަގާމަށް އައްޔަން ކުރުމުގެ ޝާހީ އަމުރެއް ވެސް އިއްޔެ ނެރުއްވާފަ އެވެ. މިއީ ފަސް ހަފްތާގެ ތެރޭގައި ސައޫދީ ކެބިނެޓަށް ސަލްމާން ރަސްގެފާނު ގެންނެވި ދެވަނަ ބަދަލެވެ.
ފުރަތަމަ ބަދަލުގައި ރަސްގެފާނު ވަނީ އެގައުމުގެ ތަޖްރިބާކާރު މާލީ ވަޒީރު އިބްރާހީމް ބިން އަބްދުލްއަޒީޒު އަލްޢައްސާފް މަގާމުން ދުރުކުރައްވައި އޭނާގެ ބަދަލުގައި މާލީ ވަޒީރު ކަމަށް ޒުވާން ބޭފުޅެއްކަމަށްވާ މުހައްމަދު ބިން އަބްދުﷲ ބިން އަބްދުލްއަޒީޒު އަލްޖަދްޢާން ޢައްޔަން ކުރައްވާފަ އެވެ. ކުރީގެ މާލީ ވަޒީރު އަލްޢައްސާފް މަގާމުން ދުރުކުރެއްވީ ރަސްގެފާނުގެ ދަރިކަލުން އަދި ސައޫދީ ރަސްކަމުގެ ނިޒާމުގައި މިހާރު އެންމެ ބާރުގަދަ އަމީރު ކަމަށް ސިފަކުރެވޭ ދިފާއީ ވަޒީރު އަދި ވަލީއުލްއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާންގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑު ވިދާޅުވުމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ލޭބާ މިނިސްޓަރު މުފްރަޖް އަލްހަގްބާނީ ކުއްލި ގޮތަކަށް މަގާމުން ދުރުކުރި ސަބަބު އަދި ސާފުވެފައެއް ނުވެ އެވެ. ސައޫދީ ޝޫރާ މަޖިލީހަކީ ބައެއްކަންކަމުގައި ސައޫދީ ސަރުކާރަށް ލަފާ އަރުވާ މަޖިލީހެކެވެ. މިއީ ރަސްގެފާނު އައްޔަން ކުރައްވާ މަޖިލީހެކެވެ. މިމަޖިލީހުން ދޭ ލަފާ ގަބޫލުކުރެއްވުމަކީ ރަސްގެފާނަށް ލާޒިމް ކަމެއްނޫނެވެ. (އަލްޖަޒީރާ)