02 Dec 2016, 23:48
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވޯލްޑް ޓޫރިޒަމް ޕައިނިއާ" އެވޯޑު ސަން ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން، އަހުމަދު ސިޔާމް މުހައްމަދަށް ލިބިވަޑައިގެންފިއެވެ.
ސިޔާމަށް އެ އެވޯޑު އަރުވާފައި ވަނީ، ސަން ސިޔާމް އިރުފުށި ބީޗް އެންޑް ސްޕާ ރިސޯޓުގައި މިރޭ ބޭއްވި ވޯލްޑް ޓްރެވެލް އެވޯޑްސްގެ ގްރޭންޑް ފިނާލޭގައެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނަކީ އެމީހުންގެ މުޅި އުމުރު، ދަތުރު ކުރުމާއި ވިޔަފާރީގައި ހޭދަކޮށްލާ ބައެއް ކަމަށެވެ. އަދި އާ ތަންތަނަށް ޒިޔާރަތްކޮށް ތަޖުރިބާ ކޮށްލުމުގެ ގޮތުން ބައެއް މީހުން ދިރިއުޅޭ ތަން ބަދަލު ކުރާއިރު، ބައެއް މީހުންނަކީ ދަތުރުކުރާ މީހުން ކަމަށްވުމުން ދިރިއުޅުމުގެ ގިނަ ވަގުތުތައް ހޭދަވަނީ މަންޒިލެއް ނެތި ދަތުރުކުރުމުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް އެނގޭ މިތަނުގައި ވަޑައިގެން ތިއްބެވި ބޭފުޅުންގެ ވެސް ވަކި ޚާއްސަ ގެއެއް ނެތް ކަން. އެއީ އަޅުގަނޑުމެން ފަދަ މީހުންގެ ޚާއްސަ ގެ އެއް ނުހުންނާނެތީ. މުޅި ދުނިޔެއަކީވެސް އަޅުގަނޑުމެންނަށް ގެ،" ސިޔާމް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ވޯލްޑް ޕައިނިއާގެ އެވޯޑު ސިޔާމަށް ލިބިވަޑައިގަތް އިރު، މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި އޭނާއަށް ވަނީ ދިވެހި ފަތުރުވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ލިބިވަޑައިގެންފައެވެ.