02 Dec 2016, 22:40
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ލީޑިންގް ވޯޓާ ވިލާ ރިސޯޓުގެ އެވޯޑު، ސަން ސިޔާމް ގްރޫޕުން ހިންގާ ސަން އަކުއާ ވިލު ރީފް ރިސޯޓަށް ލިބިއްޖެ އެވެ.
ސަން ސިޔާމް އިރުފުށި ބީޗް އެންޑް ސްޕާ ރިސޯޓުގައި މިރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައި އެ އެވޯޑު ވިލުރީފަށް ލިބިފައިވާއިރު، ދުނިޔޭގެ އެންމެ މަގުބޫލު ޑައިވް މަންޒިލުގެ އެވޯޑު ލިބިފައިވަނީ ކޮންސްޓެންސް މޯލްޑިވްސް އިން ހިންގާ މޫފުށި މޯލްޑިވްސް ހޮޓަލަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ލީޑިންގް ވޯޓާ ވިލާ ރިސޯޓުގެ އެވޯޑު، މިފަހަރު ލިބުނީ ސަން ސިޔާމް ގްރޫޕުން ހިންގާ ސަން އަކުއާ ވިލު ރީފް ރިސޯޓަށް -- ޓްވިޓާ ފޮޓޯ
އަދި ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓު ހޮޓަލުގެ އެވޯޑު ލިބިފައިވަނީ ދިވެހިންގެ އެއާޕޯޓު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ހުޅުލޭ އައިލެންޑް ހޮޓަލަށެވެ. ހުޅުލޭ އައިލެންޑް ހޮޓަލަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ހޮޓަލެވެ. މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ މޮޅު އެއާޕޯޓު ހޮޓެލްގެ އެވޯޑުވެސް ލިބުނީ އެ ހޮޓަލަށެވެ.
އިރުފުށީގައި މިރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ ހަފްލާގައި ދައުލަތުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނު، ސަން ގްރޫޕުގެ ޗެއާމަން، އަހުމަދު ސިޔާމް މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެވޯޑު ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ އިސްވެރިންނާއި އެކިއެކި ފަރާތްތަކުން ބައިވެރިވެފައިވެއެވެ.