މެދު އިރުމަތީގެ ގައުމުތަކަށް ބާރުވެރިވެގެން ތިބި އިސްލާމިކް ސްޓޭޓުގެ ބާރު އެ ހިސާބުތަކުން ކަނޑުވާލުމުން، ދެން އެ ޖަމާއަތުގެ ހަމަލާތައް އަމާޒުވާނީ ޔޫރަޕަށް ކަމަށް ޔޫރަޕުގެ ފުލުހުން ބުނެފިއެވެ.

ޔޫރަޕްގެ ޕޮލިސް ފޯސް އިން ބުނީ، މެދު އިރުމަތިން އައިއެސް ވަނީ ގާތްގަނޑަކަށް އެއްކޮށް ފޮހެވިފައި ކަމަށާއި، އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ އަމާޒަކަށް ދެން ވާނީ ޔޫރަޕް ކަމަށެވެ. އެގޮތުން ހަނގުރާމަވެރިން މިހާރުވެސް ޔޫރަޕަށް އަންނަން ފަށާފައިވާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި ހަނގުރާމަވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށެވެ.

ހަނގުރާމަވެރިން ދޭނެ ކަމަށް ބެލެވޭ ބާވަތްތަކުގެ ހަމަލާތަކުގެ ތެރޭގައި ޔޫރަޕްގެ ފުލުހުން ވަނީ ކާރު ބޮމާއި، ރަހީނު ކުރުމާއި، ބިރު ދައްކައިގެން މުދާ ފޭރުން ފަދަ ކަންކަން ކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ބިން ގޮއްވާނަމަ ނިއުކްލިއާ ސަރަހައްދުތަކަށް ހަނގުރާމަވެރިން އިސްކަންދޭނެ ކަމަށް ޔޫރަޕުގެ ފުލުހުން ބުންޏެވެ.

ޔޫރަޕުގެ ފުލުހުން މިހެން ބުނި އިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކުގައި ދޭ ޓެރަރިސްޓު ހަމަލާތައް ވަނީ އިތުރުވެފައެވެ. އަދި އެހަމަލާތަކުގެ ޒިންމާ ނަގާފައިވަނީ އައިއެސް އިންނެވެ.