އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކުރުމުގެ ހަރަކާތަކާ އެކު، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އަހަރީ އެކްސްޕޯ ބާއްވައިފިއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ބޭއްވި މި އެކްސްޕޯއަކީ، އެ ކޮމިޓީގެ ފަރާތުން ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

މިއަދު ހަވީރު 4:00 އިން 6:00 އަށް، ކުޑަކުދިންގެ ހަރަކާތްތަތަކާ ވެސް އެކު އާޓިފިޝަލް ބީޗުގައި އެކްސްޕޯ ފަށާފައިވާ އިރު، މިރޭ 8:00 އިން 9:00 އަށް ވެސް ކުރިޔަށް ގެންދިޔައެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޗެއާ އަފްޝާން ލަތީފް -- ސަން ފޮޓޯ/ ޔާމިން ސައީދު

މާލެ ސިޓީގެ އަންހެނުންގެ ކޮމިޓީގެ ޗެއާ ފާތިމަތު އަފްޝާން ލަތީފް "ސަން" އަށް ވިދާޅުވީ، އަމިއްލައަށް ތަކެތި އުފައްދައިގެން، ނުވަތަ އެނޫންވެސް ތަކެތިން ވިޔަފާރިކުރާ އަންހެންވެރީންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް، ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު އެކްސްޕޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އަފްޝާން ވިދާޅުވީ މިއަދު ފެށި އެކްސްޕޯގައި 22 ފަރާތަކުން މޭޒުތައް ނަގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ލިމިޓެއް ނުކުރަން އެއްވެސް އެއްޗަކަށް. އަމިއްލައަށް ގޭގައި އަސާރައާއި ތަކެތި ހަދާ ފަރާތްތަކުން މިތަނުގައި އެތަކެތި އެބަ ވިއްކާ. އަމިއްލައަށް ފަހާފައިވާ ތަކެތިވެސް އެބަހުރި. އަދި ރެޑީމޭޑް އެއްޗެއްސާއި، ރާއްޖެއިން ބޭރުން ތަކެތި ގެނެސްގެން އޮންލައިންކޮށް ވިއްކާ ބޭފުޅުންވެސް އެބަ އުޅޭ. މިއީ އެބޭފުޅުންނަށް ވެސް ލިބޭ ފުރުސަތެއް،" އަފްޝާން ވިދާޅުވިއެވެ.

މާލެ ސިޓީ އަންހެނުންގެ ކޮމިޓީގެ އެކްސްޕޯ މިއަދު ހަވީރު ކުރިޔަށް ދަނީ -- ސަން ފޮޓޯ/ ޔާމިން ސައީދު

މީގެ އިތުރުން، މި އެކްސްޕޯ ކުރިޔަށް ދަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން ފަށާފައިވާ ބައިނަލްއަގުވާމީ ކެމްޕޭން "16 ޑޭޒް އޮފް އެކްޓިވިޒަމް"އާ ގުޅުވައިގެންނެވެ.

މާލެ ސިޓީގެ އަންހެނުންގެ ކޮމިޓީގެ ޗެއާ އަފްޝާން ވިދާޅުވި ގޮތުގައި، އެކްސްޕޯގެ ތެރޭގައި ގެވެށި އަނިޔާއާއި، އެފަދަ އަނިޔާގެ ހާލަތްތަކުގައި ކަން ކުރަންވީ ގޮތާއި އެހީއަށް އެދި ގުޅާންވީ ނަމްބަރުތަކާ، އެފަދަ މައުލޫމާތުތައް ދެމުން ގެންދާނެ ކަމަށެވެ.

އަދި ދިވެހި ރެޑް ކްރެސެންޓާއި، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން އެކްސްޕޯގައި، އުރަމަތީގެ ކެންސަރާއި ރަހިމުގެ ކެންސަރާ ބެހޭ މައުލޫމާތުތައް ވެސް ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.