02 Dec 2016, 18:56
އިންޑިއާ ރުޕީސްގެ އާ ނޫޓުތަކަށް ކުރީގެ ނޫޓުތަކެއް ބަދަލު ކުރުމަށް ފުރުސަތު ނުދީ، އެގައުމުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ނުކޮށް ބޭރުކޮށްލި ތުއްތު ކުއްޖަކު މަރުވި މައްސަލައެއްގައި ކުއްޖާއާ މެދު އިހުމާލުވި ޑޮކްޓަރު ކުށްވެރިވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެކުއްޖާ މަރުވެފައިވަނީ ޑޮކްޓަރަށް ދައްކަން ދިއުމުން، އެޑްމިޓް ނުކޮށް ހޮސްޕިޓަލުން ބޭރުކޮށްލިތާ އެއްދުވަސް ފަހުންނެވެ.
ހޮސްޕިޓަލުގެ ސީސީޓީވީ ފުޓޭޖްތަކުން، ކުއްޖާގެ ބެލެނިވެރިން އެކުއްޖާ އެޑްމިޓް ކުރަން އާދޭސް ކުރާ މަންޒަރާއި، ފައިސާ ބަދަލު ކުރުމަށް މުއްދަތެއް ދިނުމަށް ޑޮކްޓަރު ގާތު އެދޭ މަންޒަރު ފެނެއެވެ. ނަމަވެސް އެޑޮކްޓަރު ވަނީ ކުއްޖާ އެޑްމިޓް ނުކުރެވޭނެ ކަމަށްބުނެ ހޮސްޕިޓަލުން ބޭރުކޮށްފައެވެ.
މިހާދިސާގައި މަރުވެފައިވަނީ އުމުރުން ދެ ދުވަސް ނުވާ ތުއްތު ކުއްޖެކެވެ. އެކުއްޖާގެ ބެލެނިވެރިން އަތުގައި ހުރީ އެގައުމުގެ ބޭނުން ކުރަމުން އައި 500 ރުޕީސްގެ ނޫޓުތަކެކެވެ. ނަމަވެސް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ކުއްލި ގޮތަކަށް އިންޑިއަން ރުޕީސްގެ 500 އާއި 1000 ރުޕީސްގެ ނޫޓުތައް އުވާލައި 2000 ރުޕީސްގެ ނޫޓުތައް އުފައްދައި އޭގެ ބޭނުން ކުރަން ފެށުމާ އެކު އެގައުމުގެ އިގްތިސާދަށާއި އެތެރޭގެ ވިޔަފާރިތަކަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މަރުވި ތުއްތު ކުއްޖާގެ ބެލެނިވެރިންނަށްވެސް މެދުވެރިވީ މިހާލަތެވެ. ކުރީގެ ފައިސާ އާ ނޫޓުތަކަށް ބަދަލު ކުރަން ބޭނުން ނަމަ ދިގު ކިއުއެއްގައި ޖެހިގެން ނޫނީ ފައިސާ ލިބޭނެ ގޮތެއް ނެތުމުން އެކަމަށް މުއްދަތެއް ބޭނުން ވާނެ އެވެ. ނަމަވެސް ޑޮކްޓަރު އެ މުއްދަތު ނުދިނީ އެވެ.
މިހާދިސާގައި ކުށްވެރިވަނީ އިންޑިއާގެ، ގޮވާންދީގެ ޝިވާޖީ ނަގަރުގައި ހުންނަ ޖީވަން ޖްޔޮތް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝީތަލް ކަމަތު އެވެ.
އެ ހޮސްޕިޓަލުގެ ކޮމެޓީއަކުން ވަނީ މިމައްސަލަ ތަހުގީގުކޮށް އެގައުމުގެ ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެ ޑޮކްޓަރާ މެދު ފިޔަވަޅެއް އަޅާ ނަމަ އެކަން ނިންމާމީ މިނިސްޓްރީންނެވެ.