ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓްގެ (ސީއެމްޑީއޭ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މއ. ރަސްފަރި، ނާދިޔާ ހަސަން އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ނާދިޔާ އެމަގާމަށް އައްޔަން ކުރެއްވީ މިިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ނާދިޔާ އެމަގާމަށް އައްޔަން ކުރެއްވީ، އަށް މެމްބަރުން އައްޔަން ކުރެއްވުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅަކާ ހަވާލުކުރާ ގޮތަށް ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރައްވާފައިވާ އިސްލާހުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މީގެ ކުރިން އެމަގާމުގައި ހުންނެވީ، ފާތިމަތު ޝަފީގާއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ޝަފީގާ އިސްތިއުފާ ދެއްވުމާ ގުޅިގެން ދެން އެމަގާމަށް އައްޔަން ކުރެއްވީ އަހުމަދު ނަސީރެވެ.

ނާދިޔާ ވަނީ މީގެ ކުރިން ބޭންކޮ އޮފް މޯލްޑިވްސް (ބީއެމްލް)ގެ ސަރުކާރު ތަމްސީލު ކުރައްވާ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އޭގެ އިތުރުން ނާދިޔާ ވަނީ މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި ބީއެމްއެލް ތަމްސީލް ކުރާ މެމްބަރެއްގެ ގޮތުގައި އަދި ޗެއާޕާސަންގެ މަގާމުގައި ވެސް މަސައްކަތް ކޮށްފައެވެ.

ނާދިޔާ ވަނީ، އިނގިރޭސިވިލާތުގެ ބެންގޯ ޔުނިވާސިޓީން ބޭންކިން އެންޑް ފައިނޭންސް ދާއިރާއިން މާސްޓާސް ހައްދަވާފައެވެ.