02 Dec 2016, 16:44
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން އެފަދަ މީހުންނަށް ހާއްސަ މޫދު ކުޅިވަރުތަކެއް ހިންގުމަށް ޖެންޑާ މިނިސްޓްރީން ނިންމައިފިއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހަކީ މީގެ 24 އަހަރުކުރިން ޑިސެމްބަރު 3، 1992 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އދ. އިން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިއަހަރުގެ ޝިއާރަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، އެ ދުވަހުގެ ހަރަކާތްތައް ރާއްޖޭގައި ފާހަގަކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ، މޫދު ކުޅިވަރުތަކެއް ހިންގުމަށް ރާވާފައިވާއިރު، ސްރީލަންކާގެ ތިން ޕެރަ ސްވިމިން ޗެމްޕިއަނުން ރާއްޖޭގެ ގައުމީ ފެތުންތެރިންނާއެކު ހާއްސަ ޗެލެންޖެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ހަރަކާތްތައް ކުރިއަށް ގެންދާނީ މާދަމާ މެންދުރު ފަހު 3:45 ގައި އާޓިފިޝަލް ބީޗުގައެވެ.
އެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ޖެންޑާ މިނިސްޓްރީން ވަނީ ހަތް ސްޕޮންސަރުންނާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައެވެ. އެގޮތުން ޖެންޑާ މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެގަ ގްލޯބަލް އެއާ ސާވިސް، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަން، ނިއު ލެގޫންސް، ސީ ސްޕޯޓްސްގެ އިތުރުން ޕްރިންޓް ލެބް، ނެކްސްޓް އިނޮވޭޝަން އަދި ޕާސަނަލް ކޮމްޕިއުޓާސް އެވެ.
އޭގެ އިތުރުން އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީއާއެކު ޕާޓްނަރުންގެ ގޮތުގައި، ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީއާއި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމެނެއެވެ.