02 Dec 2016, 15:53

ދިރާގުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި"ގެ ކޮމްޕިއުޓާ ލެބަށް ހައި ސްޕީޑު އިންޓަނެޓު ދީ، ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ފަސް ކޮމްޕިއުޓަރު ހަދިޔާކޮށްފިއެވެ.
އެކުންފުނިން މިތަކެތި ހަވާލުކޮށްފައިވަނީ ހުޅުމާލޭ، ފިޔަވަތީގެ ކުދިންނަށް އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރެއްގައެވެ. ދިރާގުން ބުނީ އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރަކީ ވޭތުވެދިޔަ ދެއަހަރެކޭ އެއްފަދައިން، ސްކޫލް ބަންދާ ދިމާކޮށް 'ހިޔާގެ' ކުދިންނަށް މަޖާ އުފާވެރި މާހައުލެއް ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި ހަވީރެއް ކަމަށެވެ. އަދި އެހަވީރުގައި އެކި ކަހަލަ މަޖާ ކުޅިވަރުގެ ހަރަކާތްތަކާއި ތަފާތު ހަދިޔާ ކުދިންނަށް ބަހާފައިވާކަމަށްވެސް އެކުންފުނިން ބުންޏެވެ.
ދިރާގުގެ ޕަބްލިކްރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ، ސްކޫލު ބަންދަކީ ކިޔެވުމުގެ ދިގު އަހަރަކަށްފަހު ހުރިހާ ކުޑަކުދިންވެސް، އެކުދިންގެ އާއިލާއާ އެކު މަޖާކޮށް ހިތްހަމަޖައްސާލައި، ދަތުރު ދިޔުމުގައި ވަގުތު ހޭދަ ކުރާ ދުވަސްކޮޅަކަށް ވުމުން، އެ ހަރަކާތަކީ ހިޔާގައި ތިބި ކުދިންވެސް މަޖާކޮށްލައި ހިތްހަމަޖައްސާލުމުގެ ގޮތުން ބެއްވި ހަރަކާތެއް ކަމަށެވެ. އަދި ކުޑަކުދީން ހިމާޔަތްކުރުމާއި އެކުދިންނަށް އަޅާލައި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ދިރާގުން އަންނަނީ މިހާރު ވެސް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން، އެ ތަނުގެ މުވައްޒަފުން ސްޕޮންސަކުރުމުގެ އިތުރަށް، 2008 އިން ފެށިގެން ދިރާގުން އަންނަނީ އެ ތަނަށް ޕޭރަންޓަލް ކޮންޓްރޯލާ އެކު ހިލޭ އިންޓަނެޓުގެ ހިދުމަތް ދެމުންނެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ހަރަކާތްތަކެއް ދަނީ ކުޑަކުދިންނަށް ހިންގަމުންނެވެ. އެގޮތުން ދިރާގުން ދަނީ ކުޑަކުދިންގެ ހިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގިނަ އެހީތަކެއް ދެމުންނެވެ. އެގޮތުން ކުޑަކުދިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ދިރާގުން ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.