ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އޮތް ފުރުސަތުތައް އަންގައިދިނުމުގެ ގޮތުން ބާއްވާ އޯޕަންޑޭ މިއަދު އޮންނާނެ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

އެވިޑް ކޮލެޖުން ބުނީ، ކުލަގަދަ ހަރަކާތްތަކަކާއެކު އޯޕަންޑޭ އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މާލޭ ހުޅަނގު ފަރާތު ރަސްފަންނު ސަރަހައްދުގައި ކަމަށެވެ.

އެގޮތުން ހަވީރު ހިންގޭ ހަރަކާތްތައް ހާއްސަ ކުރެވިފައިވަނީ ކުޑަކުދީންނަށް ކަމަށާއި ކޮލެޖުގެ ދަރިވަރުންނާ އަލަށް ގުޅެން ބޭނުންވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް، ހާއްސަކޮށް ބޮޑެތި މީހުންނަށް ހާއްސަ ހަރަކާތްތަކެއް އޮންނާނީ ރޭގަނޑު ކަމަށެވެ.

ރޭގަނޑު ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރާއި މެޖިކްޝޯވ އެއްގެ އިތުރުން މަޝްހޫރު ނެށުންތެރިއާ ސުނީތާ އަލީގެ ހަރަކާތްތަކަކާއެކު އަކަސަކަ ސަމީއުގެ ހުށަހެޅުންތަކެއް ކުރިއަށްދާނެ ކަމަށް އެވިޑް ކޮލެޖުން މައުލޫމާތުދެއެވެ.

ފޯރިގަދަ ހަރަކާތްތަކުގެ އިތުރުން އެވިޑް ކޮލެޖުން އޯޕަންޑޭ ފާހަގަ ކުރުމަށް މިއަދު ބާއްވާ ހަރަކާތުގައި ބައިވެރިވާ ދިވެހީންގެ މެދުގައި ގުރުއަތުލުމެއް ނެގުމަށް ވެސް އެ ކޮލެޖުން ވަނީ ނިންމާފައެވެ.

އެގޮތުން ނެގޭ ގުރުއަތުލުމުން އެއްވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް ސްރިލަންކާގެ ދެކޮޅު ޓިކެޓް ވަނީ ހުށަހަޅާފައެވެ.

ދެވަނަ ވަނައަށް ހޮވޭ ފަރާތަކަށް އެވިޑް ކޮލެޖުން އެއް އަހަރަށް ހިންގާ ކޯހެއްގެ 10 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ތިން ވަނައަށް ހޮވޭ ނަސީބުވެރިއަކަށް ފެންވަރު ރަގަޅު ރެސްޓޯރަންޓަކުން ދެ މީހެއްގެ ކެއުން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރަށް 2017 ޖެނުއަރީ އިންޓޭކަށް ހޮވޭ ކުދީންގެ މެދުގައި ގުރުއަތުލުމެއް ނަގައި، ގުރުއަތުން ހޮވޭ ކުއްޖަކަށް ސައިކަލެއް ދޭ ގޮތަށް ވެސް އެ ކޮލެޖުން ވަނީ ނިންމާފައެވެ.

ކޮލެޖު، ޔުނިވާސިޓީ އަދި ވަޒީފާއަށް ވަނުމުގެ ކުރިން ދަރިވަރުން އެކަމަށް ތައްޔާރުވެ، އަހުލުވެރިކުރުމުގެ ގޮތުން "ޕްރީ ކޮލެޖް އެންހޭސްމެންޓް"ގެ ނަމުގައި އެވިޑު ކޮލެޖުން ފަސް ދުވަހުގެ ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ.

އެކެޑެމިކް ރައިޓިން، ޕާސަނަލިޓީ މެނޭޖްމެންޓް، ސްޓަޑީ ސްކިލްސް، އެޓަޔަރ އަދި އިންޓަވިއު ޓިޕްސް ފަދަ ބައިތައް ކިޔަވައިދޭ އެ ޕްރޮގްރާމް އޮންނަނީ ޑިސެމްބަރު ހަތަރަކުން އަށަކަށެވެ. އެވިޑް ކޮލެޖުން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.