އދ. މަޖިލިސް(ޑިސެމްބަރު 2): ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ހަލަބްގައި ހިނގަމުންދާ ހަނގުރާމައިގާ އެރަށުގެ އާންމު ރައްޔިތުން ހަލާކުވެ ފަނާވަމުންދާއިރު އެހަނގުރާމަ ވަގުތީ ގޮތުން ނަމަވެސް ހުއްޓުވުމުގައި އދ. އާއި ބައިނަލްއަގްވާމީ މުޅި މުޖްތަމަޢު ނުކުޅެދިފައިވާތީ އިންސާނީ އެހީއާއި އިންސާނީ ހައްގުތަކުގެ ދާއިރާތަކުގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތްތަކުން އދ.ގެ މުޅި ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ޖުމުލަ 223 ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން ނެރުނު ބަޔާނެއްގައި އދ.ގެ މުޅި ނިޒާމު ފޭލްވެފައިވާކަން ބަޔާން ކުރަމުން ބުނެފައިވަނީ އަދުގެ ބައިނަލްއަގްވާމީ ނިޒާމަކީ އިންސާނީ ހައްގުތައް ޙިމާޔަތްކޮށް ހަނގުރާމަތައް ހުއްޓުވޭފަދަ ގާބިލްކަން ލިބިގެންވާ އިންސާފުވެރި ނިޒާމެއް ނޫންކަމުގައެވެ.

އދ.ގެ ނިޒާމުގެ މިނުކުޅެދުންތެރިކަން މިގޮތަށް އޮތުމުން ހަލަބްގެ ރައްޔިތުން މަރުން ސަލާމަތް ކުރުމަށްޓަކައި ވަކިވަކި ގައުމުތައް އަމިއްލަ ގޮތުން ޒިންމާ ނަގައިގެން އެކަމަށްޓަކައި ތެދުވުމަށްވެސް މިބަޔާން ގޮވާލައެވެ. އަދި މިބަޔާން، އދ.ގެ ޖެނެރަލް އެސެމްބްލީ އަށް ގޮވާލާފައިވަނީ ހަލަބްގެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި ސަލާމަތީ މަޖިލީހަށް ބެލުމެއްނެތި ޖެނެރަލް އެސެމްބްލީން މަސްއޫލިއްޔަތު އުފުލުމަށެވެ.

ހަލަބްގައި ހިނގަމުންދާ ހަނގުރާމައިގާ ސޫރިޔާ ސަރުކާރުވެސް އަދި އެސަރުކާރު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައްވެސް ދަނީ ގޮތްދޫކޮށް ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ އަސްކަރީ ގޮތުން ހަނގުރާމަ ކާމިޔާބު ކުރުމަށެވެ.

ނަމަވެސް ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވަނީ ހަލަބްގައި އިދިކޮޅު ޖަމާއަތްތައް ކޮންޓްރޯލްކުރާ ސަރަހައްދުތަކުގެ ތެރެއިން ގިނަ ސަރަހައްދުތައް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެދަށަށް ގެނަސްފައެވެ. ނަމަވެސް މިކަމުގެ ހުރިހާ ވޭނެއް ތަހައްމަލް ކުރަމުން ގެންދަނީ ހަލަބްގެ އާންމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ހަލަބްގެ މަގުތަކުން ފެންނަނީ މަރާލެވިފައިވާ އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުންގެ ހަށިތަކާއި ޒަޚަމްވުމުގެ ސަބަބުން ގައިން ލޭތައް އޮހޮރެމުންދާ އެތަށް ސަތޭކަ ބައެކެވެ. އެމީހުންގެ ހަށިތަކުން ލޭތައް ފައިބަމުންގޮސް މަރުވާއިރުވެސް އަޅާލާނެ މީހެއް ގެންދާނެ ހޮސްޕިޓަލެއް ދޭނެ ފަރުވާއެއް ހަލަބްގައި ނެތެވެ. ހަނގުރާމައިގެ ސަބަބުން ހަލަބްގެ ހުރިހާ ހޮސްޕިޓަލްތަކެއް ވަނީ ހަލާކުވެފައެވެ. އަދި ހަލަބްގައި މަރުނުވެ ތިބި މީހުންވަނީ ގަދަފިންޏާއި ހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށްވެފައެވެ. މީގެތެރެއިންވެސް ގިނަމީހުންގެ ގައިގާ ހިނގާލާނެ ވަރުވެސް ނެތްކަމަށާއި މުޅި ޙަލަބުން ދުވަނީ މަރުވެ ކުނިވެފައިވާ މީހުންގެ ވަސްކަމަށް މުރާސިލުން ބުނެއެވެ.

ސޫރިޔާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ނުގެނެވި އެގައުމުގެ ރައްޔިތުން މިހާނިކަމެތި ހާލަތަކަށްވެއްޓި ގައުމު މުޅިން ކަހަލަ ގޮތަކަށް ހަލާކުވެގެންމިދަނީ މުޅި ސޫރިޔާ ހަލާކުކޮށްލައިގެންވެސް ބައްޝާރުގެ ވެރިކަން ވައްޓާލުން ނޫން އެހެން އެއްވެސް ހައްލެއް ގަބޫލު ކުރުމަށް އިދިކޮޅު ޖަމާއަތްތަކުން ދެކޮޅު ހަދަމުންގެންދިޔުމުގެ ސަބަބުންނެވެ.

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުން ސަލާމަތީ ހިސާބުތަކަށް ހިޖްރަކުރަނީ -- ފޮޓޯ: އޭޕީ

ގަތަރާއި ސައޫދީ އަރަބިޔާއާއި ހުޅަނގުގެ ގައުމުތަކާއި ތުރުކީ ގުޅިގެން ސިޔާސީ ބޭނުމެއްގައި 2011 ގައި ފެށި ސޫރިޔާގެ ހަނގުރާމައަކީ ސޫރިޔާގެ އާންމު ރައްޔިތުން އެދިގެން ކުރާ ހަނގުރާމައެއްނޫނެވެ. މިހަނގުރާމައިގެ ކުރިން މިގައުމުތައްވަނީ މުޅި ސޫރިޔާގައި ފިތުނަ އުފައްދައި ހަނގުރާމައަކަށް މަގުފަހިކޮށްފައެވެ. ނަމަވެސް މިހަނގުރާމައިގެ ޝިކާރައަކަށްވީ އަދި ވަމުންދަނީވެސް ސޫރިޔާގެ ނިކަމެތި ރައްޔިތުންނެވެ.

އަދި މިއަދު ސޫރިޔާއިން ފެންނަމުން މިދަނީ 2011 ގައި ބޭރުގެ މިދެންނެވި ގައުމުތަކުން އެގައުމުތަކުގެ އަމިއްލަ ސިޔާސީ ބޭނުމުގައި ސޫރިޔާގައި އުފެއްދި ފިތުނަތަކުގެ ހިތި ނަތީޖާ ކަމަށް ޚުދު ސޫރިޔާ އާންމުންވެސް މިހާރު އެއްބަސްވެއެވެ. ބައްޝާރު ޑިކްޓޭޓަރަކަށް ވިނަމަވެސް އޭނާގެ ވެރިކަމާ ދެކޮޅަށް މަދުބަޔަކު އެދުވަހު ހަތިޔާރު ނުއުފުލިނަމަ އޭނާގެ ވެރިކަމުގައި އަމާންކަމާއެކު އަމިއްލަ ގައުމުގައި ކުރިންވެސް ދިރިއުޅުނު ގޮތަށް ދިރިއުޅެވުނީސްކަމަށް ބައްޝާރާ އިދިކޮޅު އާންމުން ބުނެ މިހާރު ރޮމުން ގެންދެއެވެ.

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި، ސީރިއާގެ އަސްކަރިއްޔާއާ، ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކުގައި މަރުވި އާންމުންގެ -- ފޮޓޯ: އޭޕީ

މިގައުމުތައް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރު ދީގެން ބައްޝާރު ވައްޓާލުމުގެ ހަނގުރާމަ 2011 ވަނަ އަހަރު ފެށީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ލީބިޔާގެ ޒަޢީމް ކާނަލް ގައްޒާފީއާއި ތޫނިސްގެ ރައީސް ޒައިނުލްއާބިދީން ބިން އަލީގެ ވެރިކަމުގެ ނިޒާމުތައް އަރަބި ރަބީއުގައި ފަސޭހައިން ވައްޓާލި ގޮތަށް ބައްޝާރުގެ ވެރިކަންވެސް ފަސޭހަގޮތަކަށް ވައްޓާލައި މިގައުމުތަކުގެ މަދަދު ލިބޭ ފަރާތްތައް ސޫރިޔާގެ ވެރިކަމަށް ގެނައުމުގެ ސިޔާސީ މަގްސަދުގައެވެ.

ނަމަވެސް މިކަންވަނީ މިގައުމުތައް ރޭވިގޮތާ މުޅިން ޚިލާފަށް ދިގުލައިގެންގޮސް މުޅި ސޫރިޔާ ހަލާކުވެގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކަށް ބަދަލުވެގެންގޮސްފައެވެ. އީރާނާއި ރަޝިޔާގެ އަސްކަރީ މަދަދާއެކު ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލެވޭނެކަމުގެ ހުރިހާ އުންމީދުތަކެއް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށާއި އެޖަމާއަތްތަކަށް ވާގިވެރިވާ ގައުމުތަކަށް މިހާރުވަނީ ގެއްލިފައެވެ.

ގަދަބާރުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މިގައުމުތަކުން މަސައްކަތް ކުރާއިރު ބާރުގެ ބޭނުންކޮށްގެން ވެރިކަން ވައްޓާލި އިރާގާއި ލީބިޔާފަދަ އަރަބި އެއްވެސް ގައުމަކަށް ރަނގަނޅު މުސްތަގްބަލެއް ލިބިފައެއް ނުވެއެވެ.

އަނެއްކޮޅުން ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އަދަދު އެތަށް ސަތޭކައަކަށް އަރައެވެ. މިޖަމާއަތްތައް މިހާރުވެސް ދަނީ އެއްޖަމާއަތް އަނެއްޖަމާއަތާ ދެކޮޅަށް ތަޅާފޮޅައި ލޭއޮހޮރުވަމުންނެވެ. އެހެންކަމުން ގަދަބާރުން ބައްޝާރުގެ ވެރިކަން ވައްޓާލެވިއްޖެ ޙާލަތެއްގައި ވެރިކަން އަތުލުމަށްޓަކައި މިޖަމާއަތްތައް އެއްބަޔަކު އަނެއް ބަޔަކާ މިހާރަށްވުރެވެސް ބޮޑަށް ތަޅާފޮޅުމުގެ ކަންތައް ކުރިޔަށްދާނެކަމަށްވަނީ ބެލެވިފައެވެ.

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި އެ ގައުމުގެ ބޮޑުބައެއް ވަނީ ސުންނާފަތިވެފައި -- ފޮޓޯ: އޭޕީ

ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވާ ދުނިޔޭގެ ބޮޑުބާރެއްކަމަށްވާ ރަޝިޔާއިންވަނީ ސޫރިޔާގެ ޓެރަރިސްޓް ޖަމާއަތްތައް ބަލިކުރެވެންދެން ހަލަބްގައިވެސް އަދި އެހެންސަރަހައްދުތަކުގައިވެސް ހަނގުރާމަ ކުރިޔަށްގެންދާނެ ކަމަށްބުނެ ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ސަލާމަތީ މަޖިލީހަށް ހުށަހަޅާ ކޮންމެ ގަރާރެއް ވެސް ފޭލްކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.

ސޫރިޔާގެ ހަނގުރާމައިގެ ދެފަރާތުގައި ދުނިޔޭގެ ބޮޑެތި ބާރުތައް އޮތުމުން ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމުގައި އދ.އަށް ކުރެވޭ އެއްވެސް ކަމެއްނެތެވެ. އަދި ހަލަބްގެ މުޅި ރައްޔިތުން ފަނާވަމުންދާއިރު އެރަށަށް އިންސާނީ އެހީގެ ތަކެތި ވެއްދުމަށް ނޫނީ އެރަށުން އާންމުން ބޭލުމުގައިވެސް އދ. ވަނީ މުޅިން ކަހަލަ ގޮތަކަށް ނުކުޅެދިފައެވެ. (ނޫސްއެޖެންސީތައް)