ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާއާއެކު ފޮޓޯ ޝޫޓަކަށް ރާއްޖެ އައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް، ޝޫޓިން ނިންމާލުމަށް ފަހު ރާއްޖެ އިން ފުރައިފި އެވެ.

އިންޑިއާގެ ބްރައިޑް މަޖައްލާއެއް ކަމަށްވާ 'ހާޕާ ބާޒާރް ބްރައިޑް'ގެ ފޮޓޯތަކެއް ނެގުމަށް ކެޓްރީނާ އާއި މަނީޝް ރާއްޖެ އައިސްފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެމީހުން ވަނީ ރާއްޖޭގައި މަނީޝްގެ އުފަންދުވަސް ވެސް ފާހަގަކޮށްފައެވެ.

ދާދި ފަހުން ސޯޝަލް މީޑިއާ އާއި ގުޅުނު ކެޓްރީނާ ވަނީ ރާއްޖެ އައިސް އޭނާ ނަގާފައިވާ ހިތްގައިމު ގިނަ ފޮޓޯތަކެއް އިންސްޓަގްރާމް އަދި ފޭސްބުކް މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖެއިން ފުރައިގެން ދަމުން، ވަދާއީ ފޮޓޯއެއްގެ ގޮތުގައި ވެސް ވަރަށް ރީތި ފޮޓޯއެއް ވަނީ ސަޕޯޓަރުންނަށް ދޫކޮށްލައިފައެވެ.

ކެޓްރިނާ ރާއްޖޭގެ ރިސޯޓެއްގެ ހިތްގައިމު ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯއެއް-- ފޭސްބުކްފޮޓޯ: ކެޓްރިނާ

ގޮނޑުދޮށުގައި ބޮޑު ހިނިތުންވުމަކާއި އެކު ހުރެ ނަގާފައިވާ ފޮޓޯ އާއި އެކު ލިޔެފައި ވަނީ "ބައި ބައި މޯލްޑިވްސް" އެވެ. މިއީ ކެޓްރީނާ ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ.

ކުރިއާ ޚިލާފަށް މިފަހަރު ކެޓްރީނާ ވަނީ ރާއްޖޭގައި އޭނާ ހޭދަކުރަމުން ދިޔަ އުފާވެރި ވަގުތުތައް ވަރަށް ބޮޑަށް އާންމުކޮށްފައެވެ. ގޮނޑުދޮށުގައި ނަގާފައިވާ ރީތި ފޮޓޯތަކުގެ އިތުރުން ވީޑިއޯ ވެސް އޭނާ ވަނީ ސޯޝަލް މީޑިއާ ގައި އާންމު ކޮށްފައެވެ.

ކެޓްރީނާގެ ފޮޓޯ ތަކަށް އިންޑިއާގެ މީޑިއާތަކުގެ ލޯ ވަނީ އަމާޒުވެފައެވެ. ފޮޓޯ ޝޫޓް ނިންމާލުމަށް ފަހު ކެޓްރީނާ ރާއްޖެއިން ފުރައިފައި ވާއިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ ރަންބީރު ކަޕޫރާ އެކު "ޖައްގާ ޖާސޫސް" އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.