އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ އެންމެ ފަހު ބައްދަލުވުމުގައި، އެ ޖަމިއްޔާގައި ހިމެނޭ ގައުމުތަކުގެ މެދުގައި ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް އެއްބަސްވުމާ އެކު ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު މައްޗަށް އަރައިފި އެވެ.

މިދިޔަ ބުދަ ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއެންނާގައި ބޭއްވި ބައްދަލުވުމުގައި އޯޕެކްގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް އެއްބަސްވީ އެފަދަ އެއްބަސްވުމެއް ގާއިމް ކުރެވިދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލުު އުފައްދާފައިވަނިކޮށެވެ.

އެ ޖަމިއްޔާގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް އެއްބަސްވުމާ އެކު، މީގެ ކުރިން 46.48 ޑޮލަރުގެ އަގުގައި ހުރި ތެޔޮ ފީފާއެއްގެ އަގު ވަނީ 4.5 ޕަސެންޓަށް އިތުރުވެ، 54.19 ޑޮލަރަށް މައްޗަށް އަރާފައެވެ.

ތެލުގެ އަގުތައް ދަށްވާން ފެށީ 2014 ވަނަ އަހަރުގެ ތެރޭގައި އެވެ. އޯޕެކްގެ އެ ނިންމުމާ އެކު، މިދިޔަ ދެ އަހަރު ދުވަސް ތެރޭގައި ދަށަށް ގޮސްފައިވާ ތެލުގެ އަގުތައް ވަނީ ކުއްލިއަކަށް މައްޗަށް އަރާފައެވެ.

އޯޕެކްގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ، ސައުދީ އަރަބިއްޔާއަކީ އެ ޖަމިއްޔާގެ ނިސްބަތުން އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. އެގައުމުން އެއްބަސްވީ މީގެ ކުރިން ދުވާލެއްގެ މައްޗަށް އުފައްދަމުން އައި މިންވަރަށްވުރެ 4.5 ޕަސެންޓަށް ތެޔޮ އުފެއްދުން މަދު ކުރުމަށެވެ. އެގޮތުން މީގެ ފަހުން ދުވާލެއްގެ މައްޗަށް އެ ގައުމުން އުފައްދާނީ ކުރިން އުފެއްދި މިންވަރަށްވުރެ 500،000 ފީފާ މަދުންނެވެ.

އޯޕެކްގައި ގާއިމް ކުރި އެ އެއްބަސްވުމުގެ ދަށުން، އެޖަމިއްޔާގައި ނުހިމެނޭ ތެޔޮ އުފައްދާ ގައުމުތަކުން ވެސް ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރު މަދު ކުރަން ޖެހެ އެވެ. އެގޮތުން އެ ގައުމުތަކުން އުފައްދަމުން އައި މިންވަރުން، ދުވާލެއްގެ މައްޗަށް 600،000 ފީފާގެ ތެޔޮ މަދު ކުރަން ޖެހެއެވެ.

އެ ޖަމިއްޔާގައި ނުހިމެނޭ، ނިއުކްލިއާ ގޮތުން ބާރުގަދަ ރަޝިއާއިން ވަނީ ދުވާލެއްގެ މައްޗަށް އުފައްދަމުން އައި މިންވަރުން 300،000 ފީފާ މަދުކުރާނެ ކަމަށް ބުނެފައެވެ. އެ ގައުމުގައި މީގެ ކުރިން ދުވާލެއްގެ މައްޗަށް 10 މިލިއަން ފީފާގެ ތެޔޮ އުފައްދަ އެވެ.

އޯޕެކް އިން ބުނީ އެ އެއްބަސްވުމާ ގުޅޭ ގޮތުން އެ ޖަމިއްޔާގައި ނުހިމެނޭ ގައުމުތަކާ އެކު މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވާނެ ކަމަށާއި، އެއްބަސްވުމުގެ ޕްރޮގްރެސް ބެލުމަށް އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޖަމިއްޔާގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.