ދުނިޔޭގައި ގާއިމުކޮށްފައިވާ އެންމެ ބޮޑު، ކަނޑު އަޑީގެ ރެސްޓޯރަންޓު ހިމެނޭ ހުރަވަޅި މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ތަރައްގީ ކުރި މި ރިސޯޓު ހުޅުވާފައިވަނީ އިއްޔެ އެވެ. ރިސޯޓު ހުޅުވުމުގެ ގޮތުން އެ ރިސޯޓުން ވަނީ 50 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ އޮފާއެއްވެސް ތައާރަފްކޮށްފަ އެވެ. އެ އޮފާގެ ދަށުން ޑިސްކައުންޓް ލިބޭނީ މި މަހުގެ ތެރޭގައި މަދުވެގެން ހަ ރޭ އެ ރިސޯޓުގައި މަޑު ކުރާ ފަރާތްތަކަށް އެކަންޏެވެ.

ޅ. ހުރަވަޅީގައި ހަދާފައިވާ ހުރަވަޅި މޯލްޑިވްސް ރިސޯޓުގައި 60 އޯޝަން ވިލާ އާއި 30 ބީޗު ވިލާ ހިމެނޭ ގޮތަށް ޖުމްލަ 90 ވިލާ ހުރެއެވެ.

ހުރަވަޅި ރިސޯޓަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެއް ރިސޯޓެކެވެ. މުޅި ދުނިޔޭގައި ވެސް، ކަނޑުއަޑީގައި ބަހައްޓާފައިވާ އެންމެ ބޮޑު ރެސްޓޯރަންޓް ހުންނަނީ ހުރަވަޅީގަ އެވެ. "5.8" ނަމަކަށް ކިޔާ ރެސްޓޯރަންޓަކީ ނިއުޒިލެންޑުގައި ހަދައިގެން ރާއްޖެ ގެނެސް އެ ރިސޯޓުގައި އިންސްޓޯލްކޮށްފައިވާ ރެސްޓޯރެންޓެކެވެ.

ސީޕްލޭންގައި މާލޭން ފުރައިގެން 40 މިނެޓުން ދެވޭ މި ރިސޯޓަކީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ރިސޯޓެކެވެ. އެގޮތުން އެ ރިސޯޓުގައި، ރިސޯޓަށް ބޭނުންވާ ކަރަންޓު އުފައްދަނީ ސޯލާ ޕެނަލްތައް ބޭނުންކޮށްގެންނެވެ. ތިމާވެއްޓާ ރައްޓެހި މި ރިސޯޓުގައި ފެން ފުޅި ބަންދުކުރާ ޕްލާންޓެއްވެސް ހުރެއެވެ.

އެ ރިސޯޓުގެ ދިގުމިނުގައި 22.2 މީޓަރު ހުންނަ އިރު، ރެސްޓޯރަންޓް ހުންނަނީ ކަނޑުގެ 5.8 މީޓަރު އަޑީގަ އެވެ. ރެސްޓޯރަންޓުގައި 24 މީހުންގެ ޖާގަ ހުންނާނެއެވެ. އެއީ މޭޒެއްގައި ދެމީހުންނަށް ތިބެވޭ ގޮތަށް 12 މޭޒެވެ.

މިއަހަރު ނިމުމަކަށް އައިސްފައިވާއިރު ގިނަ އަދަދެއްގެ ރިސޯޓުތަކެއް ވަނީ މިއަހަރު ތެރޭގައި ހުޅުވާފައެވެ. އެގޮތުން ސެއިންޓް ރެޖިސް ވޮށްމުލި ރިސޯޓުގެ ސޮނޭވާ ގެ އާ ރިސޯޓު، ސޮނޭވާ ޖާނީ ފާހަގަކޮށްލެވެއެވެ.