02 Dec 2016, 10:45
ބުރުނާއި ދާރުއްސަލާމުގެ ގައުމީ ޔުނިވަސިޓީ (ޔޫބީޑީ) ފަރާތުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް ދެއްވާފައިވާ ސްކޯލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޔުނިވާސިޓީން ހުޅުވާލައިފި އެވެ.
އައިޔޫއެމްއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކާ އެ ޔުނިވާސިޓީއަށް ޔޫބީޑީ އިން ދެއްވާފައިވަނީ ހަތަރު ޕީއެޗްޑީ ފުރުސަތާއި މާސްޓާސް ފެންވަރަށް ކިޔެވުމުގެ އެއް ފުރުސަތެވެ. ބުރުނާއީ ދާރުއްސަލާމުން ތައުލީމް ހާސިލްކުރުމަށް ދޭ އެ ފަސް ފުރުސަތަކީ ވެސް ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ދިން ފުރުސަތުތަކެކެވެ.
އައިޔޫއެމް އިން ބުނީ، ސްކޮލަޝިޕްތަކުގައި ޓިއުޝަންފީ ޔޫބީޑީން މާފު ކޮށްދެއްވާފައިވީ ނަމަވެސް، އެއާ ޓިކެޓާއި އެކޮމޮޑޭޝަން އަދި ލިވިން އެކްސްޕެންސަސް ހަމަޖައްސަން ޖެހޭނީ ސްކޮލަޝިޕް ލިބޭ ދަރިވަރަކު އަމިއްލައަށް ކަމަށެވެ.
ކޯސް ފުރިހަމަ ކުރުމަށްފަހު އިސްލާމީ ޔުނިވާސިޓީއަށް ނުވަތަ ގައުމަށް އެއްބަސްވެވޭ މުއްދަތަކަށް ހިދުމަތް ކޮށްދިނުމަށް ބޮންޑުކޮށްދޭ އެ ސްކޮލަޝިޕްތަކަށް ދިވެހި ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭއިރު، ދަރިވަރުން ހޮވުމުގައި ޔުނިވާސިޓީގެ ދާއިމީ އަދި ޕާޓްޓައިމް މުވައްޒަފުންނަށް އިސްކަންދެވޭނެ ކަމަށް އައިޔޫއެމުން ބުނެއެވެ.
އިސްލާމިކް ޔުނިވާސިޓީގެ އެ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.
ބުރުނާއީ ދާރުއްސަލާމް ގައުމީ ޔުނިވާސިޓީން އައިޔޫއެމް އަށް ސްކޮލަޝިޕް ފުރުސަތުތަކެއް ދީފައިމިވަނީ އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބުރުނާއީ އަށް ކުރެއްވި ދަތުރުފުޅުގެ ޔޫބީޑީގެ ބޭފުޅުންނާ ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.
ބުރުނާއީގެ ފުރަތަމަ ގައުމީ ޔުނިވާސިޓީ، ސުލްތާން ޝާރިފް ޔުނިވާސިޓީގެ ކޮންވޮކޭޝަނަށް ކުރެއްވި އެ ދަތުރުފުޅުގައި ޝަހީމް ވަނީ ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ސުލްޠާން ޝަރީފް ޔުނިވާސިޓީގެ އޮނަނަރީ ޕްރެސިޑެންޓް، ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާންއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ތައުލީމީ ފުރުސަތުތައް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ހާއްސަ ގޮތެއްގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ އާއި އެޑިއުކޭޝަން ދާއިރާގެ އިތުރުން ޝަރިއްޔާ އެންޑް ލޯގެ ދާއިރާއިން ސްކޮލާޝިޕްގެ ދެއްވުމަށް އެދިލައްވާފައިވެ އެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސްކޯލާޝިޕްގެ ފުރުސަތު ދެއްވުމަށް ވެސް ޝަހީމް ވަނީ އެ ބައްދަލުވުމުގައި ސުލްޠާން ޝަރީފް ޔުނިވާސިޓީގެ އޮނަނަރީ ޕްރެސިޑެންޓް، ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާންގެ އަރިހުން އެދިވަޑައިގެންފައެވެ.