01 Dec 2016, 22:00
ސިޔާމް-މައުރޫފް ސޮކާ ކަޕްގެ 'ގްރޫޕް ސީ'ގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ފޮއްދޫ އަތުން ކެނދިކުޅުދޫން މޮޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި ފޮއްދޫ އަތުން ކެނދިކުޅުދޫ މޮޅުވެފައި ވަނީ 5-0 ލަނޑުންނެވެ.
އެ މެޗުގައި ކެނދިކުޅުދޫން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަރީހު އެވެ. އޭނާ ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ކެނދިކުޅުދުއަށް ލިބުނު ދެ ޕެނަލްޓީއަކުންނެވެ.
ކެނދިކުޅުދޫގެ އަނެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮއްފަތު އަހުމަދެވެ. މިއަދު ކުޅުނު އެ މެޗުގައި ފޮއްދޫގެ މުހައްމަދު ފިޒާނަށް ރަތް ކާޑެއް ދައްކާފައިވެ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކެނދިކުޅުދުއަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން އަރީހު އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށްދަނީ ކެނދިކުޅުދޫގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގްސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ސީ'ގެ މެޗުގައި ބައްދަލުކުރާނީ މާޅެންދޫ އެފްޓީ އާއި މަނަދޫ އެފްޓީ އެވެ.