މާދަމާ (2 ޑިސެމްބަރު 2016، ހުކުރު ދުވަހު) ހަވީރު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިޚާބު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފަސްކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ، މާދަމާ ހަވީރު ބާއްވަން ހަމަޖެހިފައިވާ، އެމްއެމްސީގެ އިންތިޚާބު ފަސްކުރީ، އިންތިޚާބާ ގުޅޭ ގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން ދާތީ އާއި، މި އިންތިޚާބާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފައި ވާތީ ކަމަށެވެ.

"މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން، ވަރަށް ގިނަ ފަރާތްތަކަކުން، މި މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުން ގެންދާތީ އާއި، މި އިންތިޚާބާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިފައި ވުމާއެކު، ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އިންތިޚާބު ފަސްކޮށްފިން،" ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، އެމްއެމްސީގެ އިންތިޚާބު ބާއްވާނޭ ތާރީޚެއް ވަރަށް އަވަހަށް އިއުލާނު ކުރާނޭ ކަމަށެވެ.

އެމްއެމްސީއަށް މިހާރު އިންތިޚާބުކޮށްފައި ތިބި މެންބަރުންގެ ދައުރު، މި މަހުގެ ތިން ވަނަ ދުވަހަށް ހަމަވާނެ އެވެ.

މިފަހަރުގެ އިންތިޚާބުގައި މީޑިއާތަކަށް ދީފައިވާ ހަތް ޖާގައަށް 17 ފަރާތަކުން ވާދަކުރާއިރު، އަމިއްލަ ގޮތުން މީޑިއާ ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހަ ފަރާތެއް އިންތިޚާބު ކުރެވޭނެ އެވެ.

ޖުމުލަ 13 ފަރާތެއް އިންތިޚާބުކުރުމަށް މާދަމާ ހަވީރު، 4:15ގައި ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ 86 މީޑިއާއަކުން ރަޖިސްޓްރީވެފައިވެ އެވެ.