ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެއްލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ އައުޓްބޯޑް އިންޖީނެއް ހުށަހަޅައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރިއަށްގެންދާ "ކަށަވަރު ޕްރޮމޯ" މިއަދު ފަށައިފިއެވެ.

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" އަކީ އެ ކުންފުނީގެ ކަށަވަރު ޝޯރޫމުން ވިއްކަމުން އަންނަ ސުޒުކީ އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ސިގްމާ މެރިން ޕެއިންޓުގެ އިތުރުން ސްކޮޓް ބެޑާ ފައިބަގްލާސް ރެސިން އާއި އިންޑަސްޓްރިއަލް ގޭސް އަދި ޔަންމާ އާއި ސުޒުކީ ސްޕެއާތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަންގައި އެތަކެތި ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށްވެސް އެ ތަކެތީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން ޕާޓްނަރު އެމްޓީސީސީން ބުނެއެވެ.

ފައިސާ ދައްކައި ވަގުތުން ތަކެތި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން އެ މުއްދަތުގެ ތެރޭގައި ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ނަސީބު ކޫޕަނެއް ލިބޭނެއެވެ.

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" ކުރިއަށްދާ ކަށަވަރު ޝޯރޫމް ---

ރާއްޖޭގައި ގާއިމްކުރި އެންމެ ފުރަތަމަ ޕަބްލިކް ކުންފުނި، އެމްޓީސީސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުގެމަތިން މިއަހަރުގެ ތެރޭގައި ވެސް ޔަންމާ އިންޖީނަށް ހާއްސަކޮށްގެން ސާބަސް ޔަންމާގެ ނަމުގައި އަދި ސުޒުކީ އިންޖީނަށް ހާއްސަކޮށްގެން ސުޒުކޯ ފޯރީގެ ނަމުގައި ހާއްސަ ޕްރޮމޯޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް އެ ކަސްޓަމަރުންނަށް ޓްރެއިނިން އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.