01 Dec 2016, 20:00
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާނަމަވެސް ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހަރަދެއް ކުރާ އެއް ގައުމަށް ވީނަމަވެސް، ފަރުވާ ދިނުމަށް ކުރާ ހަރަދާ އެއްވަރަށް ބަލިން ރައްކާތެރިވުމަށް މީހުން ހޭލުންތެރިކުރުވަންވެސް ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގައި މިއަދު ފާހަގަކުރާ އޭޑްސް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިންސާނީ މުޖުތަމައުއެއް ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށްޓަކައި މީހުންނަށް ތެދުމައުލޫމާތު ފޯރުކޮށްދިނުމަށްވުރެ މުހިއްމު ކަމެއް ނެތް ކަމަށެވެ.
އެގޮތުން މީހުން ބަލިވީމަ ފަރުވާދިނުމަށް ކުރާ ހަރަދާ އެއްވަރަށް ބަލިވިޔަ ނުދިނުމަށް ބައްޔާމެދު މީހުން ހޭލުންތެރިކުރުވުމަށް ބާރުއަޅައި ބުރަކޮށް މަސައްކަތްކުރަންޖެހޭ ކަމަށާއި އެއީ ހެލްތު މިނިސްޓްރީން ބާރުއަޅާކަމެއް ކަމަށް ވިދާޅުވި އެވެ.
"ސިއްހީ ހާލަތު މިހާރު މިއޮތް ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ދިއުމަށް އެންމެ މުހިއްމު އެއް ކަމަކީ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތަކާ އުސޫލްތައް އެކަށައަޅާ ބޮޑުވަމުން އަންނަ ޖީލަކީ މިކަންކަމަށް ހޭލުންތެރިވެފައިވާ ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ މުޖުތަމައެއް އޮތް ގައުމަކަށް މި ގައުމު ހެދުން،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓުގައި ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 3.3 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށްވުރެ 13 ޕަސެންޓް ކުޑަ އަދަދެކެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް 3.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެ ބަޖެޓުގެ ތެރެއިން ސިއްހީ މަރުކަޒާއި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ 54 މަޝްރޫއެއް 44 ރަށެއްގައި ހިންގާފައިވެ އެވެ.
ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، ޒުވާނުން އެއްވެ އުޅޭ ތަންތަނާއި އެމީހުން މުނިފޫހިފިލުވުމަށް ކުރާ ކަންކަމަކީ ސިއްހަތަށް އޭގެ ސަބަބުން ގެއްލުން ނުލިބި ޒުވާނުންގެ ދުޅާހެޔޮކަމަށް ހުންނަ ކަންކަމަށް ހަދަންޖެހޭ ކަމަށެވެ.
"ސްކޫލްތެރެއިން ފެށިގެން އާއްމުން އެއްވެ އުޅޭ ތަންތަނުން ފެށިގެން ކޮފީ ޝޮޕްތަކުން ފެށިގެން މި ހުރިހާ މާހައުލުތަކަކީ ޒުވާނުންނަށް ރައްކާތެރި ބަލިތަކުން ސަލާމަތްވެ ދުޅެހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއަޅާ ކަންތައްތަކަށް މިކަންތައްތައް ހަދަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.