01 Dec 2016, 17:39
ލޯކަލް ކައުންސިލް އިންތިހާބު ދެމަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކުރި ހުކުމް އިލެކްޝަނުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
ޕީޕީއެމަށް ޟަރޫރީ ހާލަތެއް ދިމާވުމުން ލޯކަލް ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސްކޮށްދިނުމަށް ކޯޓުގައި އެދުމުން މިއަދު ކޯޓުން ހުކުމް ކޮށްފައިވަނީ ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ދެމަސް ދުވަހަށް އިންތިހާބު ފަސްކުރާށެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަމްޖަދު ވިދާޅުވި އެވެ. އެކަމާގުޅޭ ތަފްސީލެއް އަމްޖަދު ނުދެއްވަ އެވެ.
ޕީޕީއެމްގެ ބައެއް ލިޔެކިޔުންތައް ގެއްލިގެން، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމެރީ ނުބޭއްވޭތީ، "ހާލަތުއް ޒަރޫރާގެ"ގެ ދަށުން އެ ޕާޓީން ކޯޓުގައި ދައުވާކުރި މައްސަލައަށް ރިއާޔަތްކޮށް، ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ، އިންތިހާބު ފަސްކުރުމުން އިލެކްޝަން ކޮމިޝަނަށް ވާ ގެއްލުމަށްވުރެ، ޕީޕީއެމަށްވާ ގެއްލުން ބޮޑު ކަމަށެވެ.
ގެއްލުންތަކެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެއީ ކިހާވަރެއްގެ ގެއްލުމެއްކަން އިލެކްޝަންސްއަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ބޭއްވުމުން ވާނެ ގެއްލުމާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ވާނެ ގެއްލުން ވަޒަން ކުރި އިރު އިލެކްޝަންސް ކޮމިޝަނަށްވުރެ ޕީޕީއެމަށްވާ ގެއްލުން ބޮޑު ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް ވާ ގެއްލުމަށް އަރައިގަނެގެން ވިޔަށް ބޮޑު ގެއްލުމެއް ސަލާމަތް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
މައްސަލައިގެ ތެރެއަށް ތަދައްހުލްވި އަދާލަތު ޕާޓީ، އެމްޑީޕީ އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ފަރާތުންވެސް އެފަރާތްތަކަށް ވާނެ ގެއްލުމެއް ކޯޓުގައި ބަޔާންކޮށްފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި ޑިމޮކްރެސީގެ ރޫހަކީ ވެސް އެންމެނަށް ބައިވެރިވެވޭ ގޮތަށް އިންތިހާބެއް ބޭއްވުން ކަމަށް ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.