ލޯކަލް ކައުންސިލު އިންތިހާބު ފަސްކުރުމުން ގާނޫނީ ހުސް ކަމަކަށް ނުދާނެ ކަމަށާއި މިހާރު ތިބި ކައުންސިލަރުން އިންތިހާބު ބޭއްވެންދެން މަގާމުގައި ދެމި ތިބޭނެ ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.

ޕީޕީއެމަށް ޟަރޫރީ ހާލަތެއް ދިމާވުމުން ލޯކަލް ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސްކޮށްދިނުމަށް ކޯޓުގައި އެދުމުން މިއަދު ކޯޓުން ހުކުމް ކޮށްފައިވަނީ ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ދެމަސް ދުވަހަށް އިންތިހާބު ފަސްކުރާށެވެ.

އެމައްސަލާގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މިހާރު ކައުންސިލަރުންގެ ގޮތުގައި ތިބި މެމްބަރުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މަގާމުގައި ތިބެވޭނެ ކަމަށެވެ. ހުކުމުގައި އެގޮތަށް ބުނެފައިވަނީ ސުޕްރީމް ކޯޓުގް ޣަޒިއްޔާއަކާ ހަވާލާދީ އެވެ.

އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ލަސްކުރަން ޖެހުމާ ގުޅިގެން ގާނޫނީ ހުސްކަމަކަށް އަތުވެދާނެތީ އޭރު ވެރިކަމުގައި ހުރި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އިންތިހާބު ނިމެންދެން މަގާމުގައި ހުރުމަށް އަންގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ޣަޒިއްޔާ އެވެ.

މިއަދު ކުރި ހުކުމާ ގުޅިގެން މިހާރު ކައުންސިލް ތަކުގައި ތިބި މެމްބަރުން މަގާމުގައި ދެމިތިބޭނެ އެވެ. އިންތިހާބު ފަސްކޮށްފައި ވަނީ ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ދެމަސް ދުވަހުގެ މުއްދަތަށެވެ.