01 Dec 2016, 13:40
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްބީއޭގެ ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ އޮކްޓޯބަރު މަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ އަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވުމާއެކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްބީއޭގެ އިންތިހާބު މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އިއުލާންކޮށްފައިވާ އިރު، އެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު އެމްބީއޭގެ އިންތިހާބީ ޖަލްސާ ކުރިއަށްގެންދިޔައީ ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޓީއަކުންނެވެ. ނަމަވެސް އެމްބީއޭގެ ރައީސްގެ މަގާމު ހޮވުމަށް މި މަހު ބާއްވާ އިންތިހާބު ކުރިއަށްގެންދާނީ އޮކްޓޯބަރު މަހު އިންތިހާބުވި އެ އެސޯސިއޭޝަނުގެ އެކްސްކޯ އިންނެވެ.