މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޙާޖީ ޢަބްދުއްރައްޒާގާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލާއި ދިވެހިރާއްޖެ އިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ފަހުމީ ޙަސަން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގެ ކުރިން، މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ޕުޓްރާ ވަރލްޑް ޓްރޭޑް ސެންޓަރުގަ އެވެ.