01 Dec 2016, 12:29
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ދޮށީ ދަރި އެންޒޯ ޒިދާންގެ ފުރަތަމަ ލަނޑާ އެކު ކޮޕާ ޑެލްރޭގެ މެޗުން ފަސޭހަކަމާއެކު ރެއާލް މޮޅުވެއްޖެ އެވެ.
ކޮޕާ ޑެލްރޭގައި ރޭ ކަލްޗަރަލް ލިއޮނޭސާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވެފައި ވަނީ 6-1 ލަނޑުންނެވެ. ފުރަތަމަ ލެގު މެޗާއެކު އެގްރިގޭޓުން ރެއާލް ކުރި ހޯދާފައި ވަނީ 13-2 ލަނޑުންނެވެ. އަންނަ ހޮނިހިރު ދުވަހު ސްޕެނިޝް ލަލީގާގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނަން ޖެހޭތީ ރެއާލްގެ މުހިންމު ބައެއް ކުޅުންތެރިން ރޭގެ މެޗުގައި ބޭނުންކޮށްފައެއް ނުވެ އެވެ.

ރެއާލަށް ލަނޑެއް ކާމިޔާބުކޮށްދިނުމަށްފަހު މާރިއާނޯ އުފާފާޅުކުރަނީ: އޭނާ ވަނީ ލިއޮނޭސާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފައި --- ފޮޓޯ/ އޭޕީ
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިތަނާ ރެއާލުން ވަނީ ލީޑު ހޯދައިފަ އެވެ. މެޗު ފެށިތާ 30 ސުކުންތު ތެރޭ ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ފޯވަޑް މާރިއާނޯ ޑިއާޒް އެވެ. މެޗުގެ 23 ވަނަ މިނެޓުގައި ރެއާލަށް ލީޑު ފުޅާކޮށްދިނީ ހަމޭސް ރޮޑްރިގޭޒް އެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ރެއާލްގެ ތިން ވަނަ ލަނޑު ފެނިގެންދިޔަ އިރު، އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މާރިއާނޯ އެވެ. މެޗުގައި ލިއޮނޭސާ ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. އެ ލަނޑު ލިއޮނޭސާ އަށް ކާމިޔާބުކޮށްދިނީ ޔެރޭ ގޮންޒާލޭޒް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

ކޮޕާ ޑެލްރޭގައި ރެއާލް އާއި ލިއޮނޭސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 6-1 ލަނޑުން --- ފޮޓޯ/ އޭޕީ
ރެއާލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކޯޗު ޒިދާންގެ ދަރި އެންޒޯ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި އުމުރުން 21 އަހަރުގެ އެންޒޯ ކާމިޔާބުކުރި އެ ލަނޑަކީ ސީނިއާ ލެވެލްގައި ރެއާލަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ރެއާލްގެ ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ރެއާލްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށް މާރިއާނޯ ހެޓްރިކެއް ފުރިހަމަ ކުރި އިރު، ރެއާލްގެ ފަހު ލަނޑަކީ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި ލިއޮނޭސާގެ ސެސާ މޯގާޑޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކޮޕާ ޑެލްރޭގައި ރެއާލް އާއި ލިއޮނޭސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 6-1 ލަނޑުން --- ފޮޓޯ/ އޭޕީ
ކޮޕާ ޑެލްރޭގައި ރޭ ހާކިއުލަސް އަތުން ބާސެލޯނާ ވަނީ ސަލާމަތްވެފަ އެވެ. ހާކިއުލަސްގެ ދަނޑުގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ މެޗުގެ 52 ވަނަ މިނެޓުގައި ހާކިއުލަސް އަށް ޑޭވިޑް މެއިންޒް ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ 58 ވަނަ މިނެޓުގައި ބާސާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކާލެސް އަލޭނާ އެވެ. ރެއާލްއެކޭ އެއްގޮތަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ އެލް ކްލެސިކޯ މެޗަށް ބާސާ އިން ވެސް ވަނީ މުހިންމު ކުޅުންތެރިންތަކަކަށް ރެސްޓުދީފަ އެވެ.