16 Jun 2011, 17:14
މަސްތުވާއެއްޗެއް ވިއްކުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދައުވާ ލިބޭ ޏ. ފުވައްމުލަކު، ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދުގެ މައްސަލަ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލައިގައި ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ބަންދުގައި ބެހެއްޓުމުގެ ނުވަތަ ބަންދުން ދޫކޮށްލުމުގެ އަމުރެއް ނެރުމުގައި ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލަށް ރިއާޔަތް ކުރަންވާނެ ކަމަށެވެ. އަދި އަބްދުއްލަތީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތުން އޭނާ ބަންދުގައި ބެހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން އަބްދުއްލަތީފްގެ މައްސަލަ ހައި ކޯޓުން ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ހުކުމް އިއްވެވުމުގެ ކުރިން ޝަރީއަތަށް ފާހަގަވި ނުކުތާތައް އިއްވަވަމުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ކުށެއްގެ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓުމުގެ އަމުރު ނުވަތަ ބަންދުން ދޫކޮށްލުމުގެ ބާރު ފަނޑިޔާރަކަށް ލިބިގެންވަނީ މުތުލަގުކޮށް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނެފައި ވަނީ ޝަރުތަކާ ނުލައި ނުވަތަ ޝަރުތަކާ ލައިގެން ފަނޑިޔާރަކަށް މީހަކު ބަންދުން ދޫކޮށްލުމުގެ ބާރު ލިބިގެންވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ މީހަކު ބަންދުން ދޫކޮށްލުމުގެ ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ފަނޑިޔާރަކު ނެރޭއިރު އެފަދަ އަމުރެއް ނެރެންވާނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި 50 ވަނަ މާއްދާ އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ އަމުރެއް ނެރޭއިރު ތުހުމަތު ކުރެވޭ ކުށެއްގެ ކުޑަ ބޮޑު މިނަށާއި އެ ކުށެއްގެ އަދަބަށާއި އެމީހަކު ބަންދުން ދޫކޮށްލުމުން ހެކި ނައްތާލާފާނެ ކަމުގެ ބިރު އޮތް މިންވަރަށާއި ފިލައިފާނެ ކަމުގެ ބިރު އޮތް މިންވަރު ވަޒަން ކުރަންވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މީގެ އިތުރުން ފަނޑިޔާރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މުޖްތަމައުއަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭ މައްސަލައެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ ޖިނާއި އެންމެ ބޮޑެތި ކުށުގެ ގިންތީގައި ހިމެނޭ ކުށެއް ކަމަށް ވެސް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވާފައި ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައި އަބްދުއްލަތީފާއި މުނިސިޕަލްޓީ ދަފްތަރު ހަސަން އަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން އުފުލާފައިވާ މަސްތުވާތަކެތި ވިއްކުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށެވެ. އެގޮތަށް ހުކުމް ކޮށްފައި ވަނީ އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަޅާފައިވާ ތިން ފޮށިގަނޑާ އެ ދެ މީހުން ހަވާލުވި ނަމަވެސް އެ ތަކެތި ރާއްޖެ އެތެރެވެފައި ވަނީ އަބްދުއްލަތީފާއި ހަސަން އަލީގެ "އިލްމާއި އެނގުމުގެ ތެރެއިން" ކަމަށް ދައުލަތަށް ސާބިތުނުވުމުން ކަމަށް ކޯޓުން ބުނެ އެވެ. އަދި އެ ތަކެތި އެތެރެ ކުރި މީހުންނާއެކު އަބްދުއްލަތީފާއި ހަސަން އަލީ އެއްވެސް މުއާމަލާތެއްކޮށްފައިވާކަން ވެސް ދައުލަތަށް ސާބިތުކޮށްދީފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.
ކްރިމިނަލް ކޯޓުން އަބްދުއްލަތީފާއި ހަސަން އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން ޕީޖީ އޮފީހުން ވަނީ މިހާރު އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އަދި ހައި ކޯޓުން ވަނީ މިއަދު އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.