އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދި އިރު، ސައުތުހެމްޓަން އަތުން ބަލިވެ އާސެނަލް ކަޓައިފި އެވެ.

ލީގު ކަޕްގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވެސްޓް ހާމް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެފައި ވަނީ 4-1 ލަނޑުންނެވެ.

އިނގިރޭސި ލީގު ކަޕުގައި ވެސްޓް ހާމް ކޮޅަށް އިބްރަހިމޮވިޗް ޖެހި ދެވަނަ ލަނޑަށްފަހު، ޔުނައިޓެޑްގެ ކުޅުންތެރިންނާއެކު އޭނާ އުފާފާޅުކުރަނީ: އެ މެޗުން ޔުނައިޓެޑް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެ ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ހެންރިކް މިކިތާރިޔަން ދިން ބޯޅައަކުން ވެސްޓް ހާމްގެ ގޯލު ޔުނައިޓެޑަށް ހުޅުވާލަދިނީ އެ ޓީމުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ވެސްޓް ހާމުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޑިމިޓްރީ ޕަޔެޓް ފޮނުވާލި ބޯޅަ، ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް ރަނގަޅަށް އަތަށް ނުނެގުމުން އޭގެ ފައިދާ ނަގައި، ވެސްޓް ހާމަށް ނަތީޖާ ހަމަހަމަކޮށްދިނީ އޭޝްލީ ފްލެޗާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ޔުނައިޓެޑުން ވަނީ އަލުން ލީޑު ހޯދައިފަ އެވެ. މިކިތާރިޔަން ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް އެވެ. ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މާޝިއަލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 62 ވަނަ މިނެޓުގައި އެންޓޯނިއޯ ވެލެންސިއާ ދިން ބޯޅައަކުންނެވެ.

އިނގިރޭސި ލީގު ކަޕުގައި ވެސްޓް ހާމް ކޮޅަށް ޔުނައިޓެޑްގެ މާޝިއަލް ޖެހި ދެވަނަ ލަނޑަށްފަހު، ރޫނީއާ އެކު އޭނާ އުފާފާޅުކުރަނީ: އެ މެޗުން ޔުނައިޓެޑް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އެންޑާ ހެރޭރާ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އިބްރަހިމޮވިޗެވެ.

އަމިއްލަ ދަނޑުގައި ރޭ ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެފައި ވަނީ 2-0 ލަނޑުންނެވެ. އެ މެޗުން މޮޅުވުމުން ސައުތުހެމްޓަން އަށް ސެމީގެ ޖާގައެއް ލިބިގެންދިޔަ އިރު، އާސެނަލް ވަނީ ލީގު ކަޕުން ކަޓައިފަ އެވެ.

އިނގިރޭސި ލީގު ކަޕްގައި އާސެނަލާއި ސައުތުހެމްޓަން ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ސައުތުހެމްޓަން މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގައި ސައުތުހެމްޓަން އިން ޖެހި ދެ ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ސައުތުހެމްޓަން އަށް ޖޯޑީ ކްލާސީ ލީޑު ހޯދައިދިން އިރު، މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަޔަން ބާޓްރެންޑް އެވެ.

ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ސެމީގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ހަލް ސިޓީ ނުކުންނަ އިރު، ސައުތުހެމްޓަންއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނެ އެވެ.