01 Dec 2016, 10:27
އަލް ގުދުސް (ޑިސެމްބަރު 1): ސީރިއާގެ ހަލަބުގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތަކަށް ސަރުކާރުގެ ފައުޖުތަކުން ދެމުންދާ ހަަމަލާތަކުގެ ސަބަބުން އެސަރަހައްދު "ބޮޑު ގަބުރުސްތާނަކަށް" ވުމުގެ ކުރިން އެސަރަހައްދުގައި ތިބި މީހުން ރައްކާތެރި ކުރުމަށް ޔޫއެންއިން ގޮވާލައިފި އެވެ.
ޔޫއެންގެ ހިއުމޭނިޓޭރިއަން އެފެއާޒްގެ ޗީފް ސްޓީވެން އޯ ބްރައަން އެފަދައިން ވިދާޅުވެފައި ވަނީ އަލެއްޕޯގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.
"އިރުމަތީ ހަލަބު ބޮޑު ގަބުރުސްތާނަކަށް ބަދަލުވުމުގެ ކުރިން އެސަރަހައްދަށް އެހީ ފޯރުކޮށް ދިނުމަށް ހުއްދަދީ، އާއްމުން ރައްކާތެރި ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ހަނގުރާމައިގައި ޝާމިލުވާ އެއްމެންގެ ފަރާތުން އަޅުގަނޑުމެން އާދޭހާއެކު އެދެން،" އޯ ބްރައަން ވިދާޅުވި އެވެ.
އޯ ބްރައަން ވިދާޅުވި ގޮތުގައި ހަލަބުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން 25،000 އަށް ވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ އިރު، އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތަކުގައި ކާނާ ހުސްވުމުގެ ސަބަބުން އާއްމުންނަށް ވަނީ ކުނިގޮނޑުތައް ހޮވަން މަޖުބޫރުވެފަ އެވެ.
އެހީ ފޯރުކޮށްދޭ ޖަމްއިއްޔާތަކުން ދަނީ ހަލަބުން ނިކުންނަ ފަރާތްތަކަށް އެހީ ފޯރުކޮށް ދެމުން -- ފޮޓޯ: ރޮއިޓާސް
ެދެހާސްއެގާރަ ވަނަ އަހަރު ރައީސް ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުގެ ކުރިން ހަލަބަކީ އިގުތިސާދީ ގޮތުންނާއި ސިނާއީ ގޮތުން ސީރިއާގެ އެންމެ ކުރިއަރާފައިވާ ސިޓީ އެވެ.
ސީރިއާ ހަނގުރާމަ ފެށުނު ފަހުން އެސިޓީ ވަނީ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ބެހިފަ އެވެ. ނަމަވެސް ޝީއީ ހަނގުރާމަވެރިންނާއި ރަޝިއާގެ ވައިގެ ހަމަލާތަކުގެ އެހީގައި މިހާރު ސީރިއާ ސަރުކާރުގެ ފައުޖުތަކުން ވަނީ ހަލަބުގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުގެ 40 ޕަސެންޓަށް ވެރިވެފަ އެވެ.
ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އިއްޔެ ސަރުކާރުގެ ފައުޖުތަކުން ދިން ހަމަލާތަކުގައި އެކަނި ވެސް އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ޖުބް އަލް ގުއްބާ އިން 26 މީހަކު މަރުވެފައިވެ އެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް އިން ބުނި ގޮތުގައި އިއްޔެ މަރުވި މީހުންގެ އަދަދު 45ށް އަރަ އެވެ.
އިއްޔެގެ ހަމަލާ ބަދަލު ކުރުންތަކުގައި ސަރުކާރުން ހިފާފައިވާ ސަރަހައްދުތަކުން އަށް މީހަކު މަރުވި ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނެ އެވެ.
ސީރިއާގައި ތިބި އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ދަނީ ހަލަބުން ނިކުންނަ ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ. ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ ސީރިއާ ސަރުކާރުން އަލަށް ހިފާފައިވާ ހަލަބުގެ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދޭ ކޮންވޯއިތައް ގެންދާނެ ކަމަށް ބުނެފަ އެވެ. އެސަރަހައްދުތަކުގައި 90،000 ވަރަކަށް މީހުން ތިބި ކަމަށް ރަޝިއާ އަސްކަރިއްޔާއިން ލަފާ ކުރެ އެވެ. (ބީބީސީ)