01 Dec 2016, 10:10
މަސްތުވާތަކެއްޗާ އެކު 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ނޯތު ހާބަރުން ރޭ 10.00 ހާއިރެވެ.
އެ ކުއްޖާ ހުއްޓުވައި ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރެއިން ފެނުނު ދަޅެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު އަތުލައިގެންފަ އެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދެ ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން އާއްމުންގެ މީހެކެވެ.