01 Dec 2016, 13:23
ބަޣްދާދު (ޑިސެމްބަރު 1) : އިރާގުގެ އުތުރުގެ ރަށެއް ކަމަށްވާ މޫސަލްގައި އައިއެސް ޖަމާއަތާއި އިރާގު ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެރަށުގެ އާންމު ރައްޔިތުން ހާލުގައި ޖެހިފައިވާއިރު އެރަށުގައި ދިރިއުޅޭ ކުޑަކުދިންގެ ޙާލަތު ވަނީ އިންސާނީ ކާރިސާއެއްގެ ތެރޭގައިކަން ކުޑަކުދިންނާބެހޭ އދ. ގެ ޖަމްއިއްޔާ ޔުނިސެފް އިން ހާމަކޮށްފި އެވެ.
މޫސަލްގެ ކުޑަކުދިންގެ ހާލަތާ ބެހޭ ގޮތުން ޔުނިސެފް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ހަނގުރާމައިގެ ސަބަބުން މޫސަލްގައި ދިރިއުޅޭ ތިންލައްކައެއްހާ ކުޑަކުދިންވަނީ ބޭހާއި ސިއްޙީ ފަރުވާއިން މަހްރޫމްވެފަ އެވެ. އަދި އެރަށުން ކުޑަކުދިންނަށް ޚާއްސަ ކިރާއި އެނޫންވެސް ކުޑަކުދިންނަށް ޚާއްސަ ކާބޯތަކެތި ހުސްވެފައިވާއިރު ގިނަ ކުދިން ކާޑުބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށްވެސް ޔުނިސެފްގެ ރިޕޯޓް ބުނެއެވެ.
އައިއެސް ޖަމާއަތުގެ އަތްދަށުން މޫސަލް މިނިވަން ކުރުމުގެ ހަނގުރާމައަށް ދޮޅު މަސްވެފައިވާއިރު އިރާގު ސިފައިންވަނީ އެރަށުގެ ބޮޑުބައެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށްގެންގޮސްފަ އެވެ. ނަމަވެސް މޫސަލްގެ ބައެއް އަވަށްތައް އަދިވެސް ވަނީ އައިއެސްގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. މޫސަލްގެ ރައްޔިތުންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުން ގިނައި މިއަވަށްތަކުގަ އެވެ.
އައިއެސް އިން މޫސަލްގެ އާންމުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުންގެންދާކަމަށާ އައިއެސްގެ އަތްދަށުގައިވާ އަވަށްތައް މިނިވަން ނުކުރެވި ލަސްވަނީ މިކަމުގެ ސަބަބުން ކަމަށް އިރާގު ސަރުކާރުން ބުނެއެވެ.
ޔުނިސެފްގެ ރިޕޯޓް ބުނާގޮތުން އައިއެސް ޖަމާއަތާއި އިރާގު ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ލިބުނު ގެއްލުންތަކުގައި މޫސަލްގެ ފެނުގެ ނިޒާމު ވެސް ވަނީ ހަލާކުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ހަނގުރާމައިގެ ސަބަބުން ހިސާރުވެފައިވާ މިލިޔަނެއްހާ މީހުން (ކުޑަކުދިންވެސް ހިމެނޭގޮތަށް) ވަނީ ސާފު ބޯފެނުން މަހްރޫމްވެފަ އެވެ. (އަލްޖަޒީރާ)