01 Dec 2016, 10:52
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބަށް ހޯމް މިނިސްޓްރީ އިން މަދުން ނަން ފޮނުވި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އެފަދަ މައްސަލައެއް އުޅޭކަން އެ ބޭފުޅުންގެ ސަމާލު ކަމަށް ފުރަތަމަ އައީ ސޯޝަލް މީޑިއާގެ ޒަރިއްޔާ ްއިން ކަމަށާއި އަދި ފަހުން ބޭފުޅަކު ރަސްމީކޮށް ވެސް އެ ކޮމިޝަނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ލުތުފީ ވިދާޅުވީ "ޝަކުވާއެއް އައުމުން އެ މައްސަލައެއް އޭސީސީ އިން ބަލާނެ" ކަމަށެވެ.
ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށް ދައުލަތުން އުފައްދާފައިވާ، 15 މެންބަރުންގެ މައްޗަށް އެކުލެވޭ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ އިންތިހާބަށް ހޯމް މިނިސްޓްރީ އިން ހުޅުވާލުމުން އެކަމަށް އެދުނު އަމިއްލަ ފަރާތްތަކުގެ ތެރެއިން ވޯޓަށް އެ މިނިސްޓްރީ އިން ފޮނުވީ 12 ބޭފުޅެއްގެ ނަމެވެ. ނަމަވެސް އެމްއެމްސީގެ ގާނޫނު ބުނާ ގޮތުން އަމިއްލަ ފަރާތްތަކުން ހޮވާ ބައިގެ އިންތިހާބަށް ހުށަހަޅާ ނަންތަކުގެ ތެރެއިން 14 ނަމެއް ހުށަހަޅަން ޖެހޭ ކަމަށް ގާނޫނު ބުނެ އެވެ.
މީޑިއާ ކައުންސިލަކީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލް އެކެވެ. އެ ކައުންސިލްގައި މީޑިއާގެ ފަރާތްތައް ތަމްސީލު ކުރުމަށް އަށް ބޭފުޅުން ތިއްބަވާ އިރު، އާންމު ފަރާތްތައް ތަމްސީލު ކުރުމަށް ހަތް ފޭފުޅުން ތިއްބަވަ އެވެ.
ގާނޫނު ބުނާ ގޮތުން އެ 15 ބޭފުޅުން ވެސް ހޮވަނީ ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުން ވޯޓުލައިގެންނެވެ.
މި ފަހަރުގެ އިންތިހާބުގައި އޭގެ ތެރެއިން ހޮވަނީ 13 ބޭފުޅެކެވެ. އެއީ ދައުރު ހަމަ ނުވާ ދެ ބޭފުޅަކު ކައުންސިލްގައި ތިބި ކަމަށް ބަލައިގެންނެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ވަހީދު އަލީ މިއަދު ސަން އަށް ވިދާޅުވީ އާންމުންގެ ވޯޓަށް 12 ނަމެއް ފޮނުވީ މި ފަހަރު އެ ބައިން ހޮވަން ޖެހޭ އަދަދަކީ ހަ ބޭފުޅުން ކަމަށްވާތީ ކަމަށެވެ.
ނަމަވެސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ފަސް ވަނަ މާއްދާ ބުނާ ގޮތުން މީޑިއާ ކައުންސިލަށް އާންމުންގެ ފަރާތުން ހޮވޭނީ، "މިނިސްޓްރީން އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލާ މީހުންގެ ތެރެއިން، މިނިސްޓްރީން ހުށަހަޅާ 14 މީހުން ކުރެ، އެންމެ ގިނަ ވޯޓު ލިބުނު ހަތް މީހުން" ކަމަށެވެ.