01 Dec 2016, 00:36
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފް ހޯދައިފި އެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި މިރޭ ކުޅުނު ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުގައި ޝަރީފް ވަނީ އަހްމަދު ނާސިފް އަތުން ކުރި ހޯދައިފައެވެ. ޝަރީފް ވަނީ މި އަހަރު ބޭއްވި ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ރަނަރަޕްކަން ހޯދި ނާސިފް (ކ) އަށް އެމްޕީބީއޭގެ ޗެއާމަން ރަޒީން (ވ) އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އެމްޕީބީއޭ
އެ މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ތަށްޓާއި، މެޑަލް އަދި އިނާމު ހަވާލުކޮށްދެއްވީ އެމްޕީބީއޭގެ ޗެއާމަން އިސްމާއިލް ރަޒީން އެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ޝަރީފް ހޯދި އިރު، ރަނަރަޕްކަން ހޯދާފައި ވަނީ ނާސިފް އެވެ. މުހައްމަދު ދުންޔާޒް ތިން ވަނަ ހޯދި އިރު، އެންމެ ގިނަ ރަންއައުޓް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަންކަން ވެސް ހޯދި ޝަރީފް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު ޝާހިލް އެވެ.

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ތިންވަނަ ހޯދި ދުންޔާޒް (ކ) އަށް އެމްޕީބީއޭގެ ޗެއާމަން ރަޒީން (ވ) އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އެމްޕީބީއޭ
އެ މުބާރާތުގެ ހަތަރު ވަނަ އިން ފެށިގެން އަށް ވަނައަށް ހޮވުނު ކުޅުންތެރިންނަށް ވެސް ވަނީ އިނާމު ހަވާލުކޮށްފައެވެ. ހަތަރު ވަނައިން ފެށިގެން އަށް ވަނައިގައި ހިމެނުނު ކުޅުންތެރިންނަކީ ހަސަން ޝާޒް މުހައްމަދާއި، މުހައްމަދު އަކްސަމް އާއި، ހަސަން ޝަފްރާޒް އާއި، އަލީ ފަޔާޒް އަދި އަހްމަދު އަފްރާހެވެ.