(ގަން، އައްޑޫ ސިޓީ) - ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްއިން މާދަމާ އައްޑޫ ސިޓީގެ ގަމަށް ސީދާ ދަތުރުތައް ފަށާނެއެވެ.

ސްރީލަންކަން އެއާލައިންސްއިން މައުލޫމާތު ދޭ ގޮތުގައި، ސްރީލަންކަންގެ ފުރަތަމަ ފްލައިޓު ޔޫއެލް119 މާދަމާ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައި އޮތީ ހެނދުނު 8:30ގައެވެ. އަދި ފްލައިޓު ޔޫއެލް120، އައްޑޫއިން ފަސިންޖަރުން ގޮވައިގެން އެނބުރި ކޮލޮމްބޯއަށް ދިއުމަށް ހަމަޖެހިފައި އޮތީ ހެނދުނު 9:35 ހާއިރުއެވެ.

ބޭރުގެ ގައުމުތަކުން ސީޒަނަލް ޗާޓަރު ފްލައިޓުތައް އައްޑޫ ސިޓީއަށް ދަތުރުކުރަމުން އަންނަ ނަމަވެސް، މިއީ ބައިނަލްއަގުވާމީ މަންޒިލަކުން އައްޑޫ ސިޓީއަށް ޝެޑިއުލް ދަތުރުތަކެއް ކުރާ ފުރަތަމަ ފަހަރެވެ.

ސްރީލަންކަން އެއާލައިންސްއިން މައުލޫމާތު ދޭ ގޮތުގައި، ފުރަތަމަ ފްލައިޓުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން، ކޮލޮމްބޯއިން ގަމަށް އަންނަން އޮތް ފްލައިޓު ގާތްގަނޑަކަށް ފުރިފައިވާ ކަމަށާއި، ގަމުން ކޮލޮމްބޯއަށް ފުރާ ފްލައިޓު މުޅިން ފުރިފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.

މާދަމާ ކޮލޮމްބޯއިން ގަމަށް އަންނަ ފްލައިޓުގައި، ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ސުރެން ރަތުވައްތަވެސް ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް އިތުރުކުރި ބައި --

ސްރީލަންކަން އެއާލައިންސް އައްޑޫ ސިޓީއަށް ދަތުރުތައް ފެށުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަނުން ވެސް ވަނީ ހުރިހާ ތައްޔާރީއެއް މިހާރު ވެފައެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރ ހަސަން ޚަލީލް "ސަން" އަށް ވިދާޅުވީ، ބައިނަލްއަގުވާމީ ފްލައިޓުތަކުގައި ދިވެހީންގެ މައުލޫމާތު ޕްރޮސެސް ކުރާ ސިސްޓަމެއް މީގެ ކުރިން ގަމުގައި ނުހުންނަ އިރު، އެ ނިޒާމު މިހާރު ގަމުގައި ގާއިމުކޮށްފައިވާ ކަމަށެވެ.

"މިހާރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަން ޚިދުމަތް ހުރި ފެންވަރަށް ގަމުގައި ވެސް ހުންނާނެ. ހަމައެކަނި އޮޓޯގޭޓު ނުހުންނާނީ،" ޚަލީލް ވިދާޅުވިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވި ގޮތުގައި، ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޚިދުމަތެއް ވަނީ ގަން އެއާޕޯޓުގައި ގާއިމުކޮށްފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަން ސިސްޓަމްތައް ގާއިމުކުރުން -- ފޮޓޯ/ މޯލްޑިވްސް އިމިގްރޭޝަން

ސްރީލަންކަން އެއާލައިންސް ކޮލޮމްބޯއާއި އައްޑޫ ސިޓ ގުޅުވާލުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ ރައްޔިތުން ބޭރު ގައުމުތަކަށް ފުރުމަށް މާލެއަށް ދާން ޖެހޭ ޖެހުމަށް ނިމުމަށް ގެނުވާނެ ކަމެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ މައި ޓްރާންސިޓް ޕޮއިންޓަކީ ކޮލޮމްބޯއެވެ. މީގެ އިތުރުން، ސްރީލަންކަން އެއަލައިންސަކީ ދުނިޔޭގެ 47 ގައުމެއްގެ 102 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެކެވެ.

ސްރީލަންކާގެ ބަޖެޓް އެއާލައިން މިހިން ލަންކާގެ ޚިދުމަތް ހުއްޓާލައި، މިހިންގެ މަންޒިލުތަކަށް ސްރީލަންކަންއިން ޚިދުމަތް ދޭން ފެށި ފަހުން، ސްރީލަންކަންއިން ވަނީ މިހިން ލަންކާގެ މަންޒިލުތައް ހިމެނޭ ގޮތަށް 10 އާ މަންޒިލަކަށް މިއަހަރު ދަތުރުތައް ފަށާފައެވެ. އައްޑޫ ސިޓީގެ ގަމަކީ ސްރީލަންކަންއިން މިއަހަރު އަލަށް ޚިދުމަތް ދޭން ފަށާ 11 ވަނަ މަންޒިލެވެ.

ސްރީލަންކަން އެއާލައިންސްއިން ގަމާ ކޮލޮމްބޯއާ ދެމެދު ދަތުރު ކުރާނީ ހަފްތާގެ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.