30 Nov 2016, 22:49
ތެލެސީމިއާ އަކީ ކޮންޓްރޯލް ކުރެވޭނޭ ބައްޔެއްކަން އެނގޭއިރުވެސް ރާއްޖޭގައި އެ ބަލި އިތުރުވެ ގިނަވަމުންދާކަމީ ކަންބޮޑުވާ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޒަކާތު ފަންޑުގެ އެހީގައި، ތެލެސީމިއާ ހުންނަ ހަ ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް ރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތުދީ އެކަމުގެ ލިއުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތެލެސީމިއާއަށް މީހުން ހޭލުންތެރިކުރުވުމަށް މިދިޔަ އަހަރު ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
އެގޮތުން، އެ ބަލި ކޮންޓްރޯލްކުރުމަށް، މީހުން އެ ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު ޕްރޮގްރާމްތަކެއް ކުރިއަށްއޮތްތަނުގައި ހިންގާނެ ކަމަށާއި އެކަމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުނގަޑުމެންނަށް ތެލެސީމިއާއަކީ ކޮން ބައްޔެއްކަން ކިހާ ފަސޭހައިން މި ބަލި ނުފެތުރި ހިފެހެއްޓިދާނެ ބައްޔެއްކަން އެނގިތިބެމެ މިބަލީގެ ކުދިން ރާއްޖޭގައި ގިނަވެގެންދާކަމީ ހެލްތު މިނިސްޓަރެއްގެ ހައިސިއްޔަތުން ނުހަނު ކަންބޮޑުވާކަމެއް،" އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުވާ ބަލިތަކުގެ ތެރެއިން ތެލެސީމިއާ ބައްޔަކީ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމަށްވާ، ހީމަގުލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުން ނުވަތަ އެ މާއްދާ ލޭގައި މަދުވުމުގެ ސަބަބުން ކުއްޖާގެ ގައިގާ ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތެކެވެ.
ތެލެސީމިއާއަކީ ރާއްޖޭގައި އެންމެ އާއްމު ލޭގެ ބައްޔަށްވާއިރު، އާބާދީގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ގައުމަކީ ވެސް ރާއްޖެއެވެ. ރާއްޖޭގެ ތަފާތު ހިސާބުތަކަށް ބަލާލާއިރު ރާއްޖޭން އާއްމުކޮށް ފެންނަ ތެލެސީމިއާގެ ބާވަތްކަމުގައިވާ ބީޓެލް ތެލަސީމިއާ ކެރިއަރުންގެ ނިސްބަތް އުޅެނީ 18 ޕަސެންޓް އަދި އަލްފާ ކެރިއަރުންގެ ނިސްބަތް އުޅެނީ 12 ޕަސެންޓުގައެވެ.
އެގޮތުން ބަލާނަމަ ހަ މީހަކުން އެކަކު ކެރިއަރަކަށް ވެގެން ގޮސްދާނެ އެވެ. އަދި ބަލާލުމެއް ނެތި ދެ ކެރިއަރުން ކައިވެނިކުރެވިގެންދާނަމަ ރާއްޖޭގައި އުފަންވާ ކޮންމެ 120 ކުއްޖަކުން އެއް ކުއްޖަކީ ތެލެސީމިއާ ބަލި ހުންނަ ކުއްޖަކަށް ވެގެންގޮސްދާނެ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތެލެސީމިއާގެ ދަފްތަރުގައި މިހާތަނަށް 849 ކުއްޖަކު ރަޖިސްޓްރީވެފައިވާއިރު މިއަހަރުގެ މިހާތަނަށް ވެސް 12 ކުއްޖަކު އިތުރުވެފައިވެ އެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާގެ ދަފްތަރަށް ކޮންމެ އަހަރަކު 20 ނުވަތަ 25 ކުދިން އިތުރުވެފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް އިން ބުނެއެވެ.
މުޅި ދުނިޔެއަށް ބަލާލާއިރު ކެރިއަރުން އެންމެ ގިނަ ގައުމު ކަމަށްވާތީ އާއި ރާއްޖެ އުފެދިފައި އޮންނަ ގޮތުން ދެ ކެރިއަރުން ގުޅުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނެއް ވުޖޫދަށް އައެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހި ކޮންމެ ދަރިއަކު އެ ކުއްޖެއްގެ އުމުރުން 18 އަހަރު ވުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކޮށް ނަތީޖާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެކުއްޖެއްގެ މައިންބަފައިންގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.