30 Nov 2016, 20:23
ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ކުޑަފަރީ އެފްސީން ކުޅުނު ދެ ވަނަ މެޗުން ވެސް އެ ޓީމު މޮޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ލަންދޫ އެފްސީ އަތުން ކުޑަފަރީ އެެފްސީ ވަނީ މޮޅުވެފައެވެ.
ލަންދުއާ ދެކޮޅަށް ކުޅުނު މެޗުން ކުޑަފަރީ މޮޅުވެފައި ވަނީ 1-0 ލަނޑުންނެވެ. އެ މެޗުގައި ކުޑަފަރީން ޖެހި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޖުނައިދެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ވެސް ޖުނައިދެވެ.
މުބާރާތުގައި ކުޑަފަރީ ކުޅުނު ދެ މެޗުން މޮޅުވެ، ހޯދި ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ 'ގްރޫޕް އޭ'ގެ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތް މާފަރު އެފްސީއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު ވެލިދުއާއި، ލަންދޫ އަދި މަގޫދޫ އެފްޓީއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. ކުޑަފަރީ ފިޔަވައި އެ ގްރޫޕުގައި ހިމެނޭ ކޮންމެ ޓީމެއް ވެސް މިހާތަނަށް ކުޅެފައި ވަނީ އެންމެ މެޗެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށްދަނީ ކެނދިކުޅުދޫގައެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ކުޑަފަރީ އެފްސީ އާއި، މަގޫދޫ އެފްޓީ އާއި، އެފްސީ މާފަރާއި، ވެލިދޫ އަދި ލަންދޫ އެފްސީ އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ހޮޅުދޫ އެފްސީ އާއި، ޅޮހި ބޯޅަ ޓީމާއި، ހެނބަދޫ އެފްޓީ އަދި މިލަދޫ އެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ކެނދިކުޅުދޫ އެފްސީ އާއި، ފޮއްދޫ އެފްސީ އާއި، މާޅެންދޫ އެފްޓީ އަދި މަނަދޫ އެފްޓީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގްސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ސީ'ގެ މެޗުގައި ބައްދަލުކުރާނީ ކެނދިކުޅުދޫ އެފްސީ އާއި ފޮއްދޫ އެފްސީ އެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.