30 Nov 2016, 19:19
އިސްލާމީ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޒަކާތް ދެއްކުމުގެ ރުކުނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހި މުޖުތަމައުގައި އެކިކަހަލަ އެހީތެރިކަން ބޭނުންވެފައިތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސްޖެހިވަޑައިނުގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ގޮވާލައްވައިފިއެވެ.
ތެލެސީމިއާ ހުންނަ ހަ ކުއްޖަކަށް ޒަކާތު ފަންޑުގެ އެހީގައި ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމުގެ ފުރުސަތުދީ އެކަމުގެ ލިއުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އެގޮތަށް ގޮވާލެއްވީ، ޒަކާތް ދައްކަން ޖެހޭ މީހުންގެ ތެރެއިން ޒަކާތް ދައްކާފައިވާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށްވަމުންދާތީ އެވެ.
އެގޮތުން މިއަހަރުގެ ޒަކާތް ދައްކަން ޖެހޭ މީހުންގެ ތެރެއިން އެ ޒަކާތް ދައްކާފައި ވަނީ އެންމެ 10 ޕަސެންޓް މީހުންކަމީ ހިތާމަކުރައްވާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މުޖުތަމައުގައި އުފެދިފައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެއްބާރުލުން ދީގެން ކަމަށެވެ.
"އަދުގެ ސަރުކާރުން މިފަދަ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭނެ ބަޔަކީ އެ މުޖުތަމައުއެއްގައި އުޅޭ ފޯރުންތެރިކަން ހުރި މީހުން،" އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.
ދުނިޔޭގެ މުސްލިމްގައުމުތަކުގައި ވެސް ޒަކާތް ނެގުމާއި ބެހުމަކީ ސަރުކާރުގެ ޒިންމާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު ގައުމަކަށް ނިސްބަތްވާ ރައްޔިތުން ސަރުކާރަށް އެއްބާރުލުންދީ ސަރުކާރުގެ އުސޫލްތަކާ ހަމަތައް ހިފަހައްޓަން ތިބޭނެ ބަޔަކީ އެމުޖުތަމައުއެއްގެ ރައްޔިތުން ކަމަށެވެ.
އެގޮތުން، ކުރިއަށް އޮތްތަނުގައި ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުވެ ޒަކާތާ ދޭތެރޭގައި ލޯ ހުޅުވި މިހާރު ޒަކާތް ދައްކާ 10 ޕަސެންޓަށްވުރެ އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓާރު ވިދާޅުވިއެވެ.
ވޭތުވެ ދިޔަ ތިން އަހަރުގެ މުދަލު ޒަކާތުގެ ތަފާސް ހިސާބަށް ބަލާއިރު 2014 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 30 މިލިއަން ރުފިޔާ ލިބުނު އިރު، 2015 ވަނަ އަހަރު ލިބިފައި ވަނީ 41 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ލިބިފައި ވަނީ 34 މިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރަށް ވުރެ ހަތް މިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.