ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ބަލާފައި އޮތް މައްސަލައެއެއް ފެމިލީ ކޯޓުން ބަލަމުންދާތީ އެމައްސަލަ ނުބެލުމަށާއި މައްސަލައިގެ ފައިލް ވަގުތުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ފެމިލީ ކޯޓުން މިހާރު ބަލަންފަށާފައިވަ މައްސަލައަކީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެކުރިން ބަލައި ހުކުމްވެސް ކޮށްފައިވާ މައްސަލައެއް ކަމަށެވެ.

އަމުރުގައި އިތުރަށް ބުނެފައިވާނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ތިން މަރުހަލާގެ ތެރެއިން އެއްވެސް މަރުހަލާއެއްގައި ބަލާފައިވާ މައްސަލައެއް ހަމަ އެ މަރުހަލާގައި އަލުން ބެލުމަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

މައްސަލައެއް ބަލާފައިވާ ކޯޓަކުން ނުވަތަ އެމައްސަލައެއް ބެލި ކޯޓަކަށްވުރެ ދަށު ކޯޓަކުން މައްސަލަ އަލުން ބެލުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ތަޢާރުޒުވާ ކަމެއް ކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ.

އެހެންކަމުން މޭ މަހުގެ ދެވަނަ ދުވަހު ފެމިލީ ކޯޓަށް ހުށަހެޅި ބަލަމުންދާ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.