30 Nov 2016, 17:22
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހަމަވާއިރު، މިހާތަނަށް 100 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ސަން އަށް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުންގެ ފޯމު ހުށަހެޅުމުގެ ކަންތައް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
"އަޅުގަނޑުމެން ފޯމު ހުށަހެޅުމުގެ މަސައްކަތް ކުރަމުން މިދަނީ އަދިވެސް. މިހާތަނަށް 100 އަށް ވުރެ ގިނަ ފޯމު އަޅުގަނޑުމެން ހުށަހަޅައިފިން،" އަލީ ސޯލިހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާދަމާ ވަގުތު ހަމަވުމުގެ ކުރިން ހުރިހާ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި ނިންމާނެ ކަމަށާއި ފޯމުތައް ހުށަހަޅައި ނިމުމުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދު މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބު ދެ މަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމް އިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގެ ހުކުމް އިއްވުން މާދަމައަށް ވަނީ ތާވަލްކޮށްފައެވެ.