މިނިވަންކަން ގެއްލުވާލެވޭނީ ހަމައެކަނި ބޭރުގެ ހަތިޔާރު އެޅި ލަޝްކަރުތަކުން ދޭ ހަމަލާއިން އެކަނި ނޫން ކަމަށާއި، ފިކުރީ ގޮތުން ދިވެހިންގެ ސިކުނޑިތަކާ ކުޅެ މިނިވަންކަމާ ސިޔާދަތު ނަގާލަން ބަޔަކު މަސައްކަތް ކުރާކަން ގަބޫލުކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމަށް ހަސަދަވެރިވެރިވާ ބަޔަކު ތިބިކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.

"ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމަށް ހަސަދަވެރިވާ އެމިނިވަންކަން ގެއްލިގެން އަބަދުވެސް ދާން އެދޭ ބަޔަކު ތިބިކަން އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ. ގައުމެއްގެ މިނިވަންކަމަށް ބުރޫ އަރާ އެ މިނިވަން ކަން ގެއްލިގެން ދާނީ ބާރުގަދަ ބޭރުގެ ހަތިޔާރު އެޅި ލަޝްކަރުތަކުން ދެވޭ ހަމަލާއަކުން އެކަނި ނޫންކަން އަޅުގަނޑުމެން މިއަދު ގަބޫލު ކުރަން ޖެހޭ. ފިކުރީ ގޮތުން އަޅުގަނޑުމެންގެ ސިކުނޑިތަކާ ކުޅެގެން އަޅުގަނޑުމެންގެ މިނިވަންކަމާ ސިޔާދަތާ ކުޅެން މަސައްކަތް ކުރާ ބަޔަކު ތިބިކަން އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ އެފަދަ ކަންކަމުގައި މަދުން ނަމަވެސް ދިވެހިންގެ ތެރެއިން ބަޔަކު ވާގިވެރިވާ ކަމަށާއި، އެބަޔަކު މަސައްކަތް ކުރަމުން ދަނީ ގައުމުގައި އޮތް ހަމަޖެހުން ނަގާލައި ރައްޔިތުން ބައިބައިކޮށް، ސިޔާސީ ހަމަޖެހުން ނަގާލަން ކަމަށެވެ. އަދި އެފަދަ މީހުންގެ އަވާގައި ގައުމުގެ އިހްތިރާމް ލިބިވަޑައިގެން ތިއްބެވި ޒިންމާދާރު ބޭފުޅުން ޖެހެމުން ދާކަމަށާއ އެކަމާ ކުރައްވާ ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި ޒާތީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރެއްވުމަށް އަޒްލީން އިލްތިމާސް ކުރެއްވި އެވެ.

އަޒްލީން ވިދާޅުވީ ގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް މިއަދު ދިވެހިންނަކީ އެކަމަށް ލޯހުޅުވިފައިވާ ބައެއް ކަމަށާއި، ދިވެހިންގެ ސިކުނޑިތަކާ ކުޅެ ގައުމަށް ގުޑުން އަރުވައި ނުލެވޭނެ ކަމަށެވެ.

"އެހެން ކަމުން އެފަދަ ބަޔަކު ކުރާ މަސައްކަތުން އަޅުގަނޑުމެން ދިވެހިންގެ ސިކުނޑިތަކާ ކުޅެ ފިކުރީ ގޮތުންނާއި އިގްތިޞާދީ ގޮތުން ގައުމަށް ގުޑުން އަރުވާލުމަކީ ކުރެވޭނެ ކަމެއް ނޫން. ދިވެހިންނަކީ އެއަށްވުރެ މާ ހަރުދަނާ ބިންގަލެއްގެ މަތީގައި ތިބި ބައެއް،" ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަޒްލީންގެ ވާހަކަފުޅުގައި ބޭރުގެ ނުފޫޒުގެ ސަބަބުން ގައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ފަދަ ހާލަތަކަށް ގައުމު ވެއްޓެމުން ދަނިކޮށް ސަލާމަތް ކޮށްދެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވި އެވެ. އެގޮތުން ކޮމަންވެލްތުން ވަކިވުމަކީ ރައީސް ޔާމީން ނިންމެވި ހަރުދަނާ ނިންމެވުމެއްކަމަށް ވިދާޅުވެ އެމަނިކުފާނަށް ތައުރީފް ކުރެއްވި އެވެ.

"ރާއްޖޭގެ އެންމެ އެތެރޭގެ ދާހިލީ ކަންކަމާބެހި ގައުމުގެ ހަމަޖެހުމަށް ހުރަސްއެޅޭފަދަ ކަންތައްތަކެއް ކޮމަންވެލްތުން ކުރަމުން ގެންދަނިކޮށް އެ ޖަމިއްޔާއިން ވަކިވުމަށް ނިންމެވި ހަރުދަނާ ނިންމެވުމުގެ ވާހަކަ. މިއީ ހަރުދަނާ ކެރުންތެރި ދަރިއަކަށް ނޫނީ ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމެއް ނޫން،" އަޒްލީން ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިންގެ ކިބައިގައި ގައުމީ ރޫހު އާލާކޮށް، ދަރިންގެ ކިބައިގައިވެސް އެ ރޫހް އަށަގެންނެވުމަށް އަޒުމް ކަަނޑައަޅަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.