އަންނަ މަހުގެ ދެ ވަނަ ދުވަހު ރާއްޖޭގެ އޮޅުވެލި ބީޗު ރިސޯޓް އެންޑް ސުޕާގައި ބާއްވަން ހަމަޖެއްސި "ވޯލްޑް ޓްރެވަލް އެވޯޑްސް 2016"ގެ ގްރޭންޑް ފިނާލޭ އިރުފުށި ބީޗް އެންޑް ސުޕާ ރިސޯޓުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔެއިން ހޮވާލެވޭ އެންމެ މޮޅު ފަރާތްތަކަށް އެވޯޑުދޭ އެ އެވޯޑު ހަފްލާ އިރުފުއްޓަށް ބަދަލުކޮށްފައި ވަނީ އެންމެ ފަހު ވަގުތު، އެމްއެމްޕީއާރުސީގެ ކޮންޓްރޯލުގެ ބޭރުން ކަމަށެވެ. އަދި، ކުރިން މީޑިއާތަކަށް ދައުވަތު އަރުވާފައިވީ ނަމަވެސް މި ބަދަލާ އެކު އެއްވެސް މީޑިއާއަކަށް އެ ހަފްލާ ކަވަރު ކުރުމަށް ނުދެވޭނެ ކަމަށާއި، ނަމަވެސް އެ ހަފްލާ ޓީވީ އިން ލައިވް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އެކޯޕަރޭޝަނުން ބުންޏެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގެ މި އަހަރުގެ އެވޯޑު ހަފްލާ އޮޅުވެލި ބީޗު ރިސޯޓުގައި ބާއްވާ ގޮތަށް ހަމަޖައްސައި އެކަން އިއުލާން ކުރީ އިޓަލީގެ ފޯޓް ސާޑީނިއާ ރިސޯޓުގައި އޮތް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޔޫރަޕް ގާލާގައި އެވެ.

އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓާއި، އިރުފުށި ބީޗް އެންޑް ސްޕާ ރިސޯޓަކީ ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ދެ ރިސޯޓެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭ އިރުފުށީގައި ބާއްވަން ހަމަޖައްސާފައިވާ އިރު، ކުރިއެކޭ ވެސް އެއްގޮތަށް އެ ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ އިސްވެރިންނާއި އެކިއެކި ފަރާތްތަކުން ބައިވެރިވާނެ އެވެ.