30 Nov 2016, 14:34
އަންނަން އޮތް ޖީލުތަކަށް މިގައުމު ވާސިލްކޮށް ދިނުމުގެ ޒިންމާ މިޖީލުގެ ޒުވާނުންނާ ކާބަފައިން ހަވާލުކުރައްވާފައި ކަމަށާއި އެ މަތިވެރި ޒިންމާއިން ބަރީއަވެވޭނެ އެއްވެސް ދިވެހި ލޭ ހިނގާ ދަރިއަކު މިގައުމުގައި ނުހުންނާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ހިތާބުގައި ވިދާޅުވީ، ގައުމިއްޔަތެއްގެ ނިމުން މިއަދުގެ މިޖީލާއި ހަމައިން ނިމިގެން ނުދާނެ ކަމަށެވެ. އެއީ ގައުމީ އަބްތާލުންގެ ޒިކުރާތަކުން ދަސްކުރަންވީ ފިލާވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަންނަން އޮތް ޖީލުތަކަށް މި ވަތަންގެ މާވް ވެގެންވާ އިސްލާމްދީނާއި މިގައުމުގެ ސިޔާދަތާއި އިސްތިގުރާރު ވާސިލްކޮށް ދިނުމުގެ ދީނީ އަދި ގައުމީ މަތިވެރި ޒިންމާ މިޖީލުގެ ޒުވާން ލެޔާއި އަޅުނގަޑުމެންގެ ކާބަފައިން ހަވާލުކުރައްވާފައިވާ ކަމާއި މިއަދު އެ މަތިވެރި ޒިންމާއިން ބަރީއަވެވޭނެ އެއްވެސް ދިވެހި ލޭހިނގާ ދަރިއަކު މިގައުމުގައި ނުހުންނާނެއެވެ،" ސިޔާމް ވިދާޅުވި އެވެ.
މިއީ ގައުމިއްޔަތަށްޓަކާ އަޅުގަނޑުމެން އަދާކުރަންޖެހޭ ރުކުންތަކެއް ކަމުގައި ގަބޫލުކުރުމަށް ވެސް ސިޔާމްގެ ހިތާބުގައި އިލްތިމާސްކުރައްވާފައިވެ އެވެ. އަދި ގައުމިއްޔަތަކަށްޓަކާ ގައުމުގެ އެއްވެސް ރައްޔިތަކު އެ ރުކުންތައް ދޫކޮށް ފަސްއެނބުރި ބަލާނުލެވޭނެ ކަމުގެ ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ގައުމުގެ އެންމެހާ އަދުރާދުންގެ ތެރެއިން އެންމެ ފަރުދަކަށްވެސް ގައުމިއްތަކަށްޓަކާ މިދެންނެވި ރުކުންތައް ދޫކޮށް ފަސްއެނބުރި ބަލާނުލެވޭނެ ކަމުގެ ހަގީގަތް މިއަދު ގަބޫލުކޮށް ގައުމަށްޓަކާ ވާންޖެހުނު ކޮންމެ ޤުރުބާނީއަކަށް 'އާއެކޭ މަގޭ ދީނޭ، މަގޭ ގައުމޭ، މަގޭ ވަތަނޭ' މިނޫންއެއްވެސް ލަފުޒެއް ތިމާމެންގެ ދުލުން ބޭރުނުކުރަން މަތީގައި ސާބިތުވެ ތިބުމަށް ދިވެހި ލޮބުވެތި އެންމެހާ އަފުރާދުންނަށް އަޅުނގަޑު ގޮވާލާ، އިސްތިމާސް ކުރަމެވެ،" އެމްޑީއޭގެ ލީޑަރު ވިދާޅުވެފައިވެ އެވެ.
ސިޔާމްގެ ހިތާބުގައި މި ގައުމުގެ ސިޔާދަތާއި އިސްގުލާލު މިނިވަން ކަމާއެކު މިއަދާ ހަމައަށް ވާސިލްވެފައިވާ ގޮތާއި މިކަމުގައި ގައުމަށްޓަކާ ގުރުބާންވެ ވަޑައިގެންނެވި އެންމެހާ އަބުތާލުން ވެވަޑައިގެންނެވި މަތިވެރި ޖިހާދުގެ މަތިން ހާއްސަކޮށް މިއަދުގެ ޒުވާނުން ވިސްނާ ތަދައްބަރުކުރުން ވާޖިބުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.