ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފުހެލުމަށްޓަކައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ހިދުމަތް ފުޅާކުރުމަށް، ހިންމަފުށީގައި ގާއިމްކޮށްފައިވާ މަރުކަޒުގައި ތިބި މީހުންގެ އަދަދު މިހާރު ދެގުނަޔަށް އިތުރުވެފައިވާ ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން، މަސްތުވާތަކެތީގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކޮށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތްތައް އެކުލަވާލުމަށް އާރަށުގައި މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން އިފްތިތާހު ކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ޖަލުގައި ތިބި ކުށްވެރީންގެ ތެރެއިން ފަރުވާއަށް އެދޭ ކުދިންނަށް ފަރުވާ ދިނުމުގެ ކަންތައްތައް ގެންދިޔުމަށް ކަމާބެހޭ ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށާއި އައްޑޫ ސިޓީގައާއި ހުޅުދޫގައި އަދި ވިލިނގިލީގައި ވެސް "ޑިޓޮކްސް ސެންޓަރު" ޤާއިމު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މަސްތުވާތަކެތިން ގައުމާއި ރައްޔިތުން ސަލާމަތް ކުރެއްވުމަށްޓަކައި، ސަރުކާރުގެ އެކި ވުޒާރާތަކާއި އަމިއްލަ ޖަމާއަތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގައި ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ގިނަކަމާއެކު، މަސްތުވާތަކެތީގެ އަސަރު ރާއްޖެއިން އަދި ފިލައިގެން ނުދަނީ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި މަސްތުވާތަކެތީގެ ހޭލުންތެރިކަން އިތުރުކޮށް، އެމަސައްކަތް ކާމިޔާބު މަސައްކަތަކަށް ހެދުމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ނައިބު ރައީސް ގޮވާލެއްވި އެވެ. އަދި މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުމަކީ ގައުމީ ކަމެއްކަމުގައި ދެކިގެން ހުރިހާ ފަރާތްތަކުން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ. އަދި އެންމެ ތުއްތު ކުއްޖާއިން ފެށިގެން އުމުރުން އެންމެ ދުވަސްވީ މީހާއާ ޖެހެންދެން މަސްތުވާތަކެތީގެ ނުރައްކަލުން އެ ކުއްޖަކު ނުވަތަ އެމީހަކު ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ، މުޖްތަމައުގެ އެންމެން ކުރަން ޖެހޭ ކަމެއް ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް މުޖްތަމައުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކުންނެވެ.