30 Nov 2016, 14:20
މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ރޭ މާލެ އައުމަށް އޮތް، ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކެންސަލް ކުރި އެއާ އޭޝިއާގެ ފްލައިޓު މިއަދު މާލެ އަތުވެއްޖެއެވެ.
ރޭ މާލެ އައުމަށް ހަމަޖެހިފައި އޮތް އެއާ އޭޝިއާގެ ފްލައިޓު އޭކޭ 8366 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އިއްޔެ ވަނީ ފްލައިޓު ގިނަ އިރުތަކަކަށް ޑިލޭ ވެފައެވެ. އެ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކުރެވި، ފްލައިޓު ފުރުމަށް ތައްޔާރު ކުރެވުނު ނަމަވެސް، މާލޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ދަންވަރު 12 ގައި ބަންދު ކުރުމުގެ ކުރިން އެ ފްލައިޓަށް މާލެ ނާދެވޭނެކަން ޔަގީން ވާތީ، ފްލައިޓު ކެންސަލް ކުރީ އެވެ.
ނަމަވެސް މިއަދު ހެނދުނު މެލޭޝިއާ ގަޑިން 10:00ގައި، ރޭ އައުމަށް ހަމަޖެހިފައި އޮތް ފްލައިޓު ވަނީ މާލެއަށް އައުމަށް ފުރާފައެވެ. އަދި މާލެ ގަޑިން މިއަދު ހެނދުނު 11:30 ގައި އެ ފްލައިޓު ވަނީ މާލޭގައި ޖައްސާފައެވެ.
އެއާ އޭޝިއާ ބަރުހާދުގެ ތަރުޖަމާނު ކަސްތޫރީ ޖަވާވީ "ސަން"އަށް މިއަދު ވިދާޅުވީ، ރޭގެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން އެ ފްލައިޓު ކެންސަލް ކުރެވި، މިއަދު ހެނދުނަށް ރީޝެޑިއުލް ކުރެވުނު ކަމަށެވެ.
އެ ފްލައިޓުގައި 150 އަށް ވުރެ ގިނަ ދިވެހީން ރާއްޖެއަށް އައުމަށް ހަމަޖެހިފައި އޮތް އިރު، ކަސްތޫރީ ވިދާޅުވީ ރޭގެ ފްލައިޓުގައި ދަތުރުކުރަން ހަމަޖެހިފައި ތިބި ފަސިންޖަރުންނަށް އެއާ އޭޝިއާގެ ފަރާތުން ކެއުން ބުއިމާއި އެކޮމޮޑޭޝަން ހަމަޖައްސައިދިން ކަމަށެވެ.
އެއާ އޭޝިއާއަކީ ރާއްޖެ އާއި މެލޭޝިއާއާ ސީދާ ގޮތުން ގުޅުވައިދޭ ހަމައެކަނި އެއާލައިނެވެ.