30 Nov 2016, 14:27
ގެޓްލިންބާގް (ނޮވެމްބަރު 30): އެމެރިކާގެ ދެކުނުގައި އޮންނަ ޓެނެސީގެ ސިޓީއެއް ކަމަށްވާ ގެޓްލިންބާގުގައި ރޯވުމުގެ ސަބަބުން ތިން މީހަކު މަރުވެއްޖެ އެވެ.
ހޯމަ ދުވަހު ގެޓްލިންބާގުގެ ފަރުބަދަމަތީ ސަރަހައްދުގައިވާ ޖަންގަލިތަކުގައި ފެށުނު އަލިފާންގަނޑު ފެތުރި 15،000 އޭކަރުގެ ބިން އަނދާ ހުލިވެފައިވާ އިރު، އެސިޓީގެ 150 ވަރަކަށް އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ޓެނެސީ އެމާޖެންސީ މެނޭޖްމެންޓް އޭޖެންސީ (ޓީއީއެމްއޭ) އިން ބުނެ އެވެ.
އެ ހާދިސާގައި މަރުވި ތިން މީހުންނަކީ ފިހުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ތިން މީހުން ކަމަށް ގެޓްލިންބާގްގެ ފަޔާ ޑިޕާޓްމެންޓުގެ ޗީފް، ގްރެގް މިލާ ވިދާޅުވި އެވެ. އެ ހާދިސާގައި އަނިޔާވި އިތުރު 14 މީހަކަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ގެޓްލިންބާގުގެ ފަރުބަދަމަތީ ޖަންގަލިތަކުގައި އަލިފާންގަނޑު ރޯވެފައި -- ފޮޓޯ: ޑެއިލީމެއިލް
ފާއިތުވި ގަރުނު ތެރޭގައި ޓެނެސީއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާގެ ގޮތުގައި އެސްޓޭޓުގެ ގަވަރުނަރު ބިލް ހަސްލަމް ސިފަ ކުރައްވާފައިވާ އެއަލިފާންގަނޑުގެ ސަބަބުން ގެޓްލިންބާގުގެ 14،000 މީހުންނަށް ވަނީ ގެދޮރު ދޫކޮށް ސަލާމަތީ ސަރަހައްދުތަކަށް ދާން ޖެހިފަ އެވެ.
އަދި އަލިފާންގަނޑުގެ ބޮޑު ބައެއް ކޮންޓްރޯލް ވެފައިވީ ނަމަވެސް އެސިޓީގެ ބައެއް އިމާރާތްތައް އަދިވެސް އަނދަމުން ދާތީ އެމީހުންނަށް އަނބުރާ ގެތަކަށް ދެވޭނެ ވަގުތެއް ފަޔާ ޑިޕާޓްމެންޓުން ބުނެފައި ނުވެ އެވެ.
ހޯމަ ދުވަހު އަލިފާންގަނޑު ފެތުރެމުން ދިޔަ އިރު އެސަރަހައްދަށް ގަޑިއަކު 128 ކިލޯމީޓަރު ބާރު މިނުގައި ވައި ޖެހެމުން ދިޔުމުން އަލިފާން ނިއްވަން ދަތިތަކާ ކުރިމަތިވި ނަމަވެސް އޭގެ ފަހުން ގެޓްލިންބާގަށް ވާރޭ ވެހެން ފަށާފައި ވާތީ އަލިފާން ނިއްވުމަށް ފަސޭހަވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާ އިރު ޖަންގަލީގައި ރޯކޮށްފައި ވަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބައެއް ރިޕޯޓުތަކުގައިވެ އެވެ. (އާރުޓީީ)