30 Nov 2016, 14:07
ލިވަޕޫލަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔަކަށް ބެން ވުޑްބާން ވެއްޖެ އެވެ.
ލިވަޕޫލަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ މަގާމުގައި ކުރިން އޮތީ އެ ކްލަބުގެ ފުޓްބޯޅަ ލެޖެންޑް މައިކަލް އޮވެން އެވެ.
ލީގް ކަޕްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ވުޑްބާން ލަނޑު ޖެހި އިރު، އޭނާ އުމުރަކީ 17 އަހަރާއި 45 ދުވަހެވެ. ކުރިން އޮވެން އެ ރެކޯޑު ހަދާފައިވަނީ 1997 ވަނަ އަހަރު އޭނާގެ އުމުރުން 17 އަހަރާއި 143 ދުވަސް ވެފައި ވަނިކޮށެވެ.
ވޭލްސްގެ ޒުވާން ކުޅުންތެރިޔާ ލިވަޕޫލްގެ ސީނިއާ ޓީމުން އެންމެ ފުރަތަމަ ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން ލިވަޕޫލް މޮޅުވި މެޗުގައެވެ. އެ މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި އޭނާ ފެނިގެންދިޔައީ ޖޯޖީނިއޯ ވައިނަލްޑަމްގެ ބަދަލުގައެވެ.
ލީޑްސްއާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން ލިވަޕޫލް މޮޅުވި މެޗުގައި ވެސް ވުޑްބާން ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ މެޗު ނިމެން 23 ވަނަ މިނެޓަށް ވެފައި ވަނިކޮށް، ކުޅެން ނުކުތް ވުޑްބާން ލަނޑު ޖަހާފައި ވަނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. އޭރު ޑިވޯކް އޮރިގީ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ލީޑްސްގެ ގޯލު ހުޅުވާލަދީފަ އެވެ.
ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމާއެކު ލިވަޕޫލް ވަނީ ލީގު ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިހާތަނަށް ލިވަޕޫލްއާ އެކު ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ ޓީމަކީ ހަލް ސިޓީ އެވެ.