30 Nov 2016, 14:05
ރާއްޖޭގައި ހިންގާ ސީ ޕްލޭން ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާލައިން (ޓީއެމްއޭ) އާއި ސިންގަޕޫރުގެ، ގްރައުންޑް ހޭންޑްލިން ފާމެއް ކަމަށްވާ ސެޓްސް ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުން، ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަންގެ 80 ޕަސެންޓު ހިއްސާ ގަންނަން ހުށަހަޅައިފިއެވެ.
ސްރީލަންކާގެ ސަންޑޭ ޓައިމްސްގައި، އިތުރުބާރު ހިފޭ ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ސްރީލަންކަންގެ ބޮޑުބައެއް ގަންނަން ހުށަހަޅާފައިވަނީ ޓީއެމްއޭ އާއި، ސެޓްސް ކުންފުނި ގުޅިގެން އުފައްދާފައިވާ، ސުޕަ ގްރޫޕް ޕާޓްނާސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ސުޕަ ގްރޫޕުން އެ އެއާލައިން ގަންނަން ހުށަހަޅާފައިވަނީ ސްރީލަންކަން އެއާލައިންސް ޕްރެވަޓައިޒް ކުރަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ސެޕްޓެމްބަރު 23 ގެ ނިޔަލަށް ހުޅުވާލުމުންނެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން ސްރީލަންކަން އެއާލައިން ގަތުމަށް ޖުމްލަ 10 ފަރާތަކުން ހުށަހަޅާފައިވާއިރު އެންމެ މަތިން މާކްސް ލިބިފައި ވަނީ ވެސް ސުޕަ ގްރޫޕަށެވެ. އެގޮތުން އެކުންފުންޏަށް 68 ޕޮއިންޓް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އެ އެއާލައިނުގެ 80 ޕަސެންޓު ގަތުމަށް ހުށަހެޅުމުގެ އިތުރުން، ލަންކާގައި ފަސް ބިލިއަން ޑޮލަރު (77 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަންވެސް ސުޕަ ގްރޫޕުން ހުށަހަޅާފައިވެއެވެ.
އެ އިންވެސްޓްމެންޓު ކުރުމަށް ހުށަހަޅާފައިވަނީ ޖުމްލަ 10 އަހަރަށް ބަހާލައިގެންނެވެ. އެގޮތުން އޭގެ ތެރެއިން އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ސްރީލަންކަންގެ ދަރަނި އަދާކުރަން ހޭދަކުރުމަށް ހުށަހަޅާފައިވާއިރު ބާކީ ހަތަރު ބިލިއަން ޑޮލަރު (62 ބިލިއަން ރުފިޔާ) ހޭދަ ކުރަން ހުށަހަޅާފައިވަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށެވެ.
ސްރީލަންކަން ޕްރައިވަޓައިޒް ކުރުމަށް ބިޑުކުރަން ހުޅުވާލި މުއްދަތުގައި ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ޓީއެމްއޭއަށް ލިބިފައިވާއިރު، ދެން އެންމެ މަތިން މާކްސް ލިބިފައިވަނީ ނައިޖީރިއާގެ އެއާލައިނެއް ކަމަށްވާ ޕީސް އެއާ އަށެވެ. އެ އެއާލައިނުން ހުށަހެޅީ ސްރީލަންކަންގެ 70 ޕަސެންޓު ގަތުމަށް ކަމަށްވާއިރު، އެ އެއާލައިނަށް ލިބިފައިވަނީ 68 މާކްސް ކަމަށް ސަންޑޭ ޓައިމްސްގައި ބުނެފައިވެއެވެ.
ޓީއެމްއޭގެ މައި ކުންފުންޏަކީ އެމެރިކާއަށް ނިސްބަތްވާ، ބްލެކްސްޓޯން އެވެ. އެ ކުންފުނިން ވަނީ 2013 ވަނަ އަހަރު ޓީއެމްއޭ އާއި މޯލްޑިވިއަން އެއާޓެކްސީގެ ބޮޑުބައެއް ގަނެ، ދެ ކުންފުނި އެއްކުންފުންޏަކަށް ބަދަލުކޮށް ޓީއެމްއޭގެ ނަމުގައި ހިންގަން ފަށާފައެވެ.