30 Nov 2016, 14:40
ރައީސޫލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިއަކު ހޯދަން އިއުލާންކޮށްފި އެވެ.
ރައީސް އޮފީހުން އިއްޔެ ގެޒެޓުކޮށްފައިވާ އިއުލާނުގައި ވަނީ އެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓަށް ޖާނަލިސްޓަކު ބޭނުންވާ ކަމަށެވެ. އަދި އެމަގާމަށް ކުރިމަތި ލެވޭނީ ނޫސްވެރިކަމުގެ ދާއިރާ އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަރެއް (ސެޓްފިކެޓް 4)ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ހަ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
އެމަގާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 01:00 ގެ ކުރިން މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާފައިވާ އިރު، މީގެ ކުރިން އެ އޮފީހަށް ނޫސްވެރިން ހޯދަން އިއުލާންކޮށްފައި ނުވެ އެވެ. މިއީ ރައީސް އޮފީހަށް ނޫސްވެރިން ހޯދަން އިއުލާން ކުރާ ފުރަތަމަ ފަހަރެވެ.
އެ އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ،"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި އެ އޮފީހުގެ ކައުންޓަރުން ވެސް އެ ފޯމު ލިބެން ހުންނާނެ ކަމަށް އިއުލާނުގައިވެ އެވެ.