30 Nov 2016, 13:36
ދިވެހި ގައުމުގެ ހުންގާނުގައި މިއަދު ހުންނެވީވެސް ގައުމީ ބަތަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިލީގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ ރައީސް ޔާމީނަކީ ގައުމީ ދުވަސްފަދަ ދުވަހެއްގައި ޝުކުރުވެރިވާން ޖެހިފައިވާ ބަޠަލެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ގައުމުގެ ހުންގާނުގައި ހުންނަވަނިކޮށް މިފެންނަނީވެސް ގައުމީ ދުވަހު ހާއްސަގޮތެއްގައި ޝުކުރުވެރިވާން ޖެހިފައިވާ ބަޠަލެއް. ގައުމީ ހިދުމަތުގައި އަމިއްލަ ފުރާނަ ފުޅަށް ނުބައްލަވާ އެމަނިކުފާނު ހިދުމަތް ގައުމުގެ ކޮންމެ ދިމާއަކުން، ގައުމަށް ބޭނުންވާ ކޮންމެ ރޮނގަކުން ދައްކަވަމުން ގެންދަވާ ގައުމީ ބަޠަލެއް. އެބޭފުޅަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގައުމެއް ކުރިއަރައި ދާނީ ހަރުދަނާ ލީޑާޝިޕެއް އޮވެ ސުލްހަ މަސަލަސްކަން ގާއިމް ވެގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ވޭތުވެ ދިޔަ ތިން އަހަރުން ފެނިގެން ގޮސްފައިވާ ކަމަށާއި، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވީ ގައުމުގެ އަމާން ކަމަށާއި، ސުލްހައަށް ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ތަރައްގީވުމަކީ ހަމައެކަނި މާލީ ތަނަވަސްކަން ލިބުން ނޫން ކަމަށާއި، ހަގީގީ ތަރައްގީވުމަކީ އެ ބައެއް އެބައެއްގެ ގޮތުގައި ތިބެގެން ތަރައްގީވުން ކަމުގައި ވިދާޅުވި އެވެ. އެގޮތުން އެކަކު އަނެކަކަށް އިހްތިރާމްކޮށް ސުލްހަވެރި ދިރިއުޅުމެއް އުޅެން ޖެހޭ ކަމަށާއި، އިސްލާމް ދީނަށް ކަމޭ ހިތައި އެ ދީނުގައި ސާބިތުވެ ތިބުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ. އަދި ގައުމު ތަރައްގީ ކުރުމަށް ދިވެހި ބަހަށާއި، ކާބަފައިންގެ ސަގާފަތަށް ޅަ ދަރިން ލޯބި ޖެއްސުމަކީ މުހިއްމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ ގައުމީ ދުވަހަކީ ބަތަލުންގެ ހަނދާންތައް އާކުރަން ޖެހޭ ދުވަހެއް ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު ވެވަޑައިގެން މަތިވެރި ގުރުބާނީ އަކީ ދުވަހަކުވެސް ފަނޑުވުމެއް ނެތް ގައުމީ ޖިހާދެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި އެ ޖިހާދަކީ އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމުގެ ދެވަނަ މިސާލެއް ނެތް ފަދަ ވަރުގަދަ ޖިހާދެއް ކަމަށް ވިދާޅުވި ނައިބު ރައީސް ވިދާޅުވި އެވެ.