30 Nov 2016, 11:52
މެޑެޔިން (ނޮވެމްބަރު 30): ކޮލަމްބިއާގެ މެޑެޔިން ކައިރިއަށް އިއްޔެ ވެއްޓުނު ލާމިއާ ފްލައިޓް 2933 ވެއްޓުނީ ތެޔޮ ނެތުމުގެ ސަބަބުންތޯ ސުވާލު އުފައްދައިފި އެވެ.
ބްރެޒިލްގެ ޗަޕެކޮއެންސް ފުޓްބޯޅަ ޓީމުން ޗާޓަރުކޮށްގެން ބޮލިވިއާ އިން ކޮލަމްބިއާ އަށް ދިޔަ ބޯޓު ވެއްޓުނު ހާދިސާގައި 71 މީހަކު ވަނީ މަރުވެފަ އެވެ. އެހާދިސާގައި ސަލާމަތްވީ ފުޓުބޯޅަ ޓީމުގެ ތިން މެމްބަރުންނާއި ދެ ކުރޫ މެމްބަރުންނާއި ނޫސްވެރިއެކެވެ.
އެފްލައިޓުގައި 81 މީހުން ތިބި ކަމަށް އެންމެ ފުރަތަމަ ރިޕޯޓު ކުރި ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ފްލައިޓުގައި ތިބީ 77 މީހުން ކަމަށް ފަހުން ބުނެފަ އެވެ.
އެ ހާދިސާ ތަހުގީގު ކުރަމުންދާ ފަރާތްތަކާ ގުޅުން ހުރި ފަރާތަކުން ބުނި ގޮތުގައި ވެއްޓުނު ފްލައިޓުގެ ބައިތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ވެފައި ނުވުމުގެ ސަބަބުން ބޯޓު ވެއްޓުނީ އިންޖީނަށް ތެޔޮ ނުލިބުމުން ކަމަށް ލަފާ ކުރެވެ އެވެ.
ފްލައިޓުގެ އިންޖީނަށް ތެޔޮ ނުލިބުމަށް މެދުވެރިވެދާނެ ސަބަބުތަކުގެ ތެރޭގައި ތެޔޮ ލީކުވުން، ތެޔޮ ގަނޑުވުން، ތެޔޮ ޕަމްޕް މަސައްކަތް ނުކުރުން ނުވަތަ ކުރޫއިން ކުރި ކަމެއް ހިމެނެ އެވެ.
ކޮލަމްބިއާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު އަލްފްރެޑޯ ބޮކަނެގްރާ ވިދާޅުވި ގޮތުގައި ފްލައިޓު ވެއްޓުނީ ކަރަންޓުގެ މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށް ފުރަތަމަ ކުރި ތަހުގީގުތަކުން ދެއްކި ނަމަވެސް، ފްލައިޓު ވެއްޓުނީ ތެޔޮ ހުސްވުމުގެ ސަބަބުންތޯ ބަލަން ވެސް ކުރިއަށް އޮތް ތަނުގައި ތަހުގީގު ކުރާނެ އެވެ.
އަދި ފްލައިޓު ވެއްޓުނީ އެއާޕޯޓާ އެއްމެ ފަސް މޭލު ދުރަށް ކަމުން ފްލައިޓުގައި އެކަށީގެންވާ މިންވަރަށް ތެޔޮ ނެތް ސަބަބު ވެސް ބަލަންޖެހޭނެ ކަމަށް ބޮކަނެގްރާ ވިދާޅުވި އެވެ.
ނަމަވެސް އެއާ ސޭފްޓީ އިންވެސްޓިގޭޓަރެއް ކަމަށްވާ ގްރޭންޓް ބްރޮފީ ވިދާޅުވި ގޮތުގައި ކޮމާޝަލް ފްލައިޓުތަކުގައި ދަތުރަށް ބޭނުންވާ ވަރަށް ތެޔޮ ހުރިތޯ އެތައް ފަހަރެއްގެ މަތިން ބަލާ ކަމުން އެފަދަ ފްލައިޓަކުން ތެޔޮ ހުސްވެގެން ވެއްޓުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
ފްލައިޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އޭގެ ކަޅު ފޮށިތައް މިހާރު ނަގާފައިވާ ކަމަށް ކޮލަމްބިއާގެ އޭވިއޭޝަން އޮފިޝަލުން ބުންޏެވެ. (ސީއެންއެން)