30 Nov 2016, 14:49
އދ. މަޖިލިސް (ނޮވެމްބަރު 30) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް އެ ދެ ގައުމުން މަސައްކަތްކުރާ ގަރާރު ފާސްވިޔަ ނުދޭނެކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ.
އދ. ގައި ހުންނަވާ ރަޝިޔާގެ ދާއިމީ މަންދޫބު ވިޓާލީ ޗޯކިން ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބައްޝާރުގެ ނިޒާމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ފިޔަވަޅު ހުޅަނގުގެ ބާރުތަކަށް ރަޝިޔާއިން ނުދޭނެކަމަށާ މިކަން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަށް ވިސްނެންޖެހޭނެ ކަމުގައެވެ. މީގެއިތުރުންވެސް ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ސަލާމަތީ މަޖިލީހަށް ހުށަހަޅާ ކޮންމެ ގަރާރެއް ވެސް ފޭލްކޮށްލާނެ ކަމަށް ޗޯކިން ވިދާޅުވިއެވެ.
ޗޯކިން ވިދާޅުވީ ސޫރިޔާގެ މުޅިން ހަލާކުވެ އެގައުމުން އެތަށް ލައްކަ ބަޔަކުމަރުވެ ގިނަ ރައްޔިތުން ހާލުގައި ޖެހުނީ ސިޔާސީ ބޭނުމެއްގައި ރައީސް ބައްޝާރުލްއަސަދު ވެރިކަމުން ދުރުކުރުމަށްޓަކައި އިދިކޮޅު ޖަމައާއަތްތަކަށް ހުޅަނގުން ހަތިޔާރު ފޯރުކޮށްދިނުމާއި ފިތްނަ އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުންކަމުގައެވެ. ނަމަވެސް މިއަދު ސޫރިޔާގެ ހަނގުރާމައިގެ މައިދާނުގައި ހުޅަނގުގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތައް ބަލިވާން ފެށުމުން އިންސާނީ ހައްގުތަކުގެ ނަމުގައާއި ސޫރިޔާގެ ރައްޔިތުން ހިމާޔަތް ކުރުމުގެ ނަމުގައި ބައްޝާރުގެ ވެރިކަމާދެކޮޅަށް ފިޔަވަޅު އެޅުމަށް ހުޅަނގުން މަސައްކަތް ކުރަނީ އެމީހުންގެ ސީޔާސީ އެޖެންޑާ ސޫރިޔާގައި ފޭލްވުމުން ކަމަށް ޗޯކިން ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ޕޫޓިން
ހުޅަނގާއި ތުރުކީއާއި ގަލްފުގެ އަރަބި ގައުމުތަކުގެ އަސްކަރީ މާލީ އަދި ސިޔާސީ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް މިހާރުދަނީ ރަޝިޔާގެ ގަދަފަދަ ވައިގެ ޙަމަލާތަކާއެކު ހަލަބްގައި ބަލިވެ އިނދަޖެހެމުންނެވެ. ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިދިކޮޅު ހަނގުރާމަވެރިން ބަލިވެ ފަހަތަށްޖެހެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ތިންދުވަހުގެ ތެރޭގައި ސޫރިޔާ ސިފައިންވަނީ ހަލަބްގެ އިރުމަތީގައިވާ ގިނަ ސަރަހައްދު ތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. ބަލިކަށިވެ އިނދަޖެހުންދާއިރުވެސް ހުޅަނގުގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން އަދިވެސް ބުނަމުން ގެންދަނީ ބައްޝާރުގެ ވެރިކަން ވައްޓާލުން ނޫނީ އޭނާ ވެރިކަމުން ދުރުވުން ނޫން އެއްވެސް ހައްލެއް ގަބޫލު ނުކުރާނެ ކަމުގައެވެ.
ސޫރިޔާގެ މައްސަލައަށް އޮތް ސުލްހަވެރި ހައްލެއް ނުގެނެވި އެގައުމުގެ ރައްޔިތުން މިހާނިކަމެތި ހާލަތަކަށްވެއްޓި ގައުމުގެ ބޮޑުބައެއް ހަލާކުވެގެންދަނީ މުޅި ސޫރިޔާގެ ހަލާކުކޮށްލައިގެންވެސް ބައްޝާރުގެ ވެރިކަން ވައްޓާލުން ނޫން އެހެން އެއްވެސް ހައްލެއް ގަބޫލު ކުރުމަށް އިދިކޮޅު ޖަމާއަތްތަކުން ދެކޮޅު ހަދަމުންގެންދިޔުމުގެ ސަބަބުންނެވެ. ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަކީ ބައްޝާރު ވެރިކަމުން ދުރުކުރުމާއި ނުކުރުމާމެދު މަސްލަހަތެއް އޮތްބައެއްނޫނެވެ.
ބައްޝާރުގެ ވެރިކަމާ ދެކޮޅަށް 2011 ގައި ނުކުތީ ސޫރިޔާގެ މަދު ސަރަހައްދުތަކެއްގެ މަދުއަދަދެއްގެ ރައްޔިތުން ތަކެކެވެ. އެއީ ސުލްހަވެރި ކަމާއެކުގައެވެ. ބައްޝާރުގެ ސަލާމަތީ ބާރުތަކުންވަނީ ބާރުގެ ބޭނުންކޮށްގެން ސުލްހަވެރި ކަމާއެކު ނުކުތް މީހުންގެ މުޒާހަރާތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހުއްޓުވާފައެވެ.
ނަމަވެސް އެއަށްފަހު ގަތަރާއި ސައޫދީ އަރަބިޔާއާއި ހުޅަނގުގެ ގައުމުތަކާއި ތުރުކީ ގުޅިގެން ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ދީގެން ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ މަސައްކަތް 2011 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ފެށުމާއި ސޫރިޔާގެ ރައްޔިތުންނާ އެއްވެސް ގުޅުމެއް ނުވެއެވެ. މިއީ އެގައުމުތަކުގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ފަރާތްތައް ވެރިކަމަށް ގެނައުމަށްޓަކައި ފެށި ސިޔާސީ ކަންތައް ގަނޑެކެވެ. ނަތީޖާއަކަށްވީ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެއްގެ ތެރެއަށް ސޫރިޔާ ވެއްޓިގެން ދިޔުމެވެ.
ގަތަރާއި ސައޫދީ އަރަބިޔާއާއި ހުޅަނގުގެ ގައުމުތަކާއި ތުރުކީ ގުޅިގެން ސިޔާސީ ބޭނުމެއްގައި ފެށި ސޫރިޔާގެ ހަނގުރާމައަކީ ސޫރިޔާގެ އާންމު ރައްޔިތުން އެދިގެން ކުރާ ހަނގުރާމައެއްނޫނެވެ. ނަމަވެސް މިހަނގުރާމައިގެ ޝިކާރައަކަށްވީ އަދި ވަމުންދަނީވެސް ސޫރިޔާގެ ނިކަމެތި ރައްޔިތުންނެވެ. މުޅި ސޫރިޔާ ފަނާވެގެންވެސް ގަދަބާރުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މިގައުމުތަކުން މަސައްކަތް ކުރާއިރު ބާރުގެ ބޭނުންކޮށްގެން ވެރިކަން ވައްޓާލި އިރާގާއި ލީބިޔާފަދަ އަރަބި އެއްވެސް ގައުމަކަށް ރަނގަނޅު މުސްތަގްބަލެއް ލިބިފައެއް ނުވެއެވެ.
އެހެންކަމުން ބައްޝާރަކީ ޑިކްޓޭޓަރަކަށްވިޔަސް ސޫރިޔާގެ ގިނަ ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއި ސުލްހައެވެ. ވަކި މީހަކު ވެރިކަމުން ދުރުކޮށް ވަކި މީހަކު ވެރިކަމުގައި ބަހައްޓަން ނޫންކަމަށް ހަނގުރާމައިން ފިލަމުންދާ ސޫރިޔާގެ އާންމުން ބުނެއެވެ. އަނެއްކޮޅުން ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާ ގަލްފުގެ ގައުމުތަކުގެ ވެރިންނަކީވެސް އެގައުމުތަކުގެ ރައްޔިތުން އިންތިޚާބުކުރާ ވެރިންކަމަށް ނުވާއިރު ސޫރިޔާއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ހުޅަނގާއި ތުރުކީއާ ގުޅިގެން ގަލްފުގެ ގައުމުތައް ކުރާ ހަނގުރާމައަކީ ސިޔާސީ ބޭނުމެއްގައި ކުރާހަނގުރާމައެއްކަމަށް ސޫރިޔާގެ އާންމުން ދެކެއެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ހުޅަނގުގެ ގައުމުތަކުން މީގެ ކުރިންވެސް އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރުތަކެއް ހުށަހެޅިއެވެ. ނަމަވެސް ޗައިނާއާއި ރަޝިޔާއިންވަނީ އެގަރާރުތަކާ ދެކޮޅަށް ވީޓޯގެ ބޭނުންކޮށް އެގަރާރުތައް ފޭލްކޮށްލާފައެވެ.
ސޫރިޔާގެ ހަނގުރާމައިގާ ރައީސް ބައްޝާރުލްއަސަދަށް ވާގިވެރިވަނީ ރަޝިޔާއާއި އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. އިދިކޮޅު އެތަށް ސަތޭކަ ޖަމާއަތެއް އޮތް އިރު މިޖަމާއަތްތަކަށް ވާގިވެރިވަނީ ގަތަރާއި ސައޫދީ އާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ތުރުކީންނެވެ. މިހަނގުރާމައިގާ ނެތި ފަނާވަމުން ދަނީ މިހަނގުރާމައިގެ އެއްވެސް މަސަލަހަތެއްނެތް ސޫރިޔާގެ ނިކަމެތި ރައްޔިތުންނެވެ. ( ނޫސްއެޖެންސީތައް)