އެމްސްޓާޑަމް (ނޮވެމްބަރު 30): ނެދަލޭންޑްސްގެ ބައެއް ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަކަށް ހުށަހަޅާފައިވާ ބިލަކަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީ ގެއިން ތާއީދުކޮށްފި އެވެ.

އެގަވާއިދުގެ ދަށުން މޫނު ބުރުގާގެ އިތުރުން މޫނު ފޮރުވޭ ސްކީ މާސްކާއި ހެލްމެޓުތައް ވެސް ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ސަރުކާރުގެ އިމާރާތްތަކާއި ޕަބްލިކް ޓްރާންސްޕޯޓް ފަދަ އާއްމުން އެއްވެ އުޅޭ ބައެއް ތަންތަނުގައި އެޅުން މަނާ ވާނެ އެވެ.

ނެދަލޭންޑްސްގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ 150 މެމްބަރުންގެ ތެރެއިން 132 މެމްބަރުންގެ ތާއިދު ލިބުމުން އެބިލު ދެން ފޮނުވާނީ މަތީގެ ނުވަތަ ސެނެޓަށެވެ. އަދި ސެނެޓުން ވެސް ބިލަށް ތާއިދުކޮށްފި ނަމަ އެގަވާއިދު ގާނޫނަކަށް ވާނެ އެވެ.

ނެދަލޭންޑްސްގައި މޫނު ބުރުގާ އަޅަނީ ވަރަށް މަދު އަންހެނުން ކަމަށްވީ ނަމަވެސް މޫނު ބުރުގާ އެޅުން މަނާ ކުރުމާ ބެހޭ ގޮތުން އެގައުމުން ބަހުސް ކުރާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. މިހާރު ފާސް ކުރަން މަސައްކަތް ކުރަމުންދާ ގާނޫނުގެ ދަށުން އަންހެނުންނަށް މަގުމަތީގައި އަދި ވެސް މޫނު ބުރުގާ އެޅޭނެ އެވެ.

ނަމަވެސް އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުން އެންމެ ގިނަ ގޮނޑިތައް ކާމިޔާބު ކުރާނެ ކަމަށް ލަފާ ކުރެވޭ އިސްލާމް ދީނާ ދެކޮޅު ފްރީޑަމް ޕާޓީން ބޭނުން ވަނީ އެގައުމުގައި މޫނު ބުރުގާ އެޅުން އެއްކޮށް މަނާ ކުރަން ކަމަށް ޕާޓީގެ ފައުންޑާ، ގިއާޓް ވައިލްޑާސް ބުންޏެވެ.

އެގަވާއިދު ގާނޫނަކަށް ހަދައިފި ނަމަ ގާނޫނާ ހިލާފުވާ ފަރާތްތައް 430 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ ކުރިން ފްރާންސް، ބަލްގޭރިއާ އަދި ސުވިޒަލޭންޑުގައި ވަނީ މޫނު ބުރުގާ އެޅުން މަނާކޮށްފަ އެވެ. (އިންޑިޕެންޑެންޓް)